ޖެނީވާ (ޖޫން 18) : ޔަމަންގެ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ޖެނީވާގައި ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި ހުޘީ ޖަމާއަތުން ބައިވެރިނުވާ ކަމަށާ ހޫޘީންގެ ވަފްދުގެ މެންބަރުން ތިބެނީ ޖެނީވާގައި އެމީހުން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައި ކަމަށް ޔަމަންގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޔާސީން ވިދާޅުވީ ދެދުވަސްވީ ސުލްޙައިގެ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުނެރެވޭކަމަށާ ވާހަކަތައް ރަނގަޅަށް ކުރިޔަށް ވެސް ނުދާކަމުގަ އެވެ. "ވާހަކަތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭ، އަދި ވާހަކަތަކުގައި ހޫޘީން ބައިވެރިއެއްވެސްނުވޭ، މިގޮތަށް ކަންތައް ދާނަމަ އަހަރެމެން ގަސްދުކުރަނީ މިވާހަކަތައް ދޫކޮށް މާދަމާ ޖެނީވާއިން ފުރުމަށް" ޔަމަންގެ ޚާރިޖީ ވަޒީރު ރިޔާޒް ޔާސީން ވިދާޅުވި އެވެ.

ޔާސީން އިތުރަށް ވިދާޅުވީ ސުލްހައިގެ ވާހަކަތަކުން ނަތީޖާއެއް ނުނެރެވެނީ ހޫޘީ ޖަމާއަތުގެ ގޮތްދޫނުކުރުންތަކުގެ ސަބަބުން ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔަމަންގެ ހޫޘީ ޖަމާއަތުގެ ވަފްދު ނެޖީވާއަށް ދިޔަނަމަވެސް ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާ ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް ހުޘީންގެ މަންދޫބުން ވަނީ ދެކޮޅު ހަދާފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ބަރަކާތްތެރި ރަމަޟާން މަސް ފެށެންވާއިރަށް ޙަމަލާތަކެއް ހުއްޓާލުމަށް ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާ ސައޫދީ އަރަބިޔާއަށާއި ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނަށާއި ސަރުކާރަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އދ.ގެ ބެލުމުގެ ދަށުން ޖެނީވާގައި މިދިޔަ އަންގާރަ ދުވަހު ފެށި ސުލްހައިގެ ވާހަކަތަކުގެ އެންމެ ފުރަތަމަ ބޭނުމަކީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުން ކަމަށް އދ. ން ބުނެއެވެ. (ރޮއިޓާސް)