18 Jun 2015, 14:32
ރޯދަ މަހު ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތްކަމަށްވާ ބިހުގެ އަގު ބާޒާރުގައި ދަށަށް ދާން ފަށައިފި އެވެ.
މީގެ ހަފްތާއެއް ކުރިން ބާޒާރުގައި ބިސްކޭހެއް ވިއްކަމުން ދިޔައީ 600 ރުފިޔާއަށް ވުރެ އަގުބޮޑުކޮށެވެ. އިއްޔެ ބިސްކޭހެއް ވިއްކީ 550 ރުފިޔާއާއި 1100 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ.
މިއަދު ބަޒާރުގައި ބިސްކޭހެއް 450 ރުފިޔާއަށް ވިއްކަން އެބަހުއްޓެވެ. ބާޒާރު މަތީ ފިހާރަތަކަށް ގިނަ އަދަދަކަށް ބިސް ގެންނަމުން ދާކަންވެސް ފާހަގަ ކުރެވެއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދޭގޮތުގައި އިއްޔެ އެކަނިވެސް ވަނީ 8815 ކޭސް ބިސް ކަސްޓަމްސްއިން ކްލިއާކޮށް ބާޒާރަށް ނެރެފައެވެ.
ރޯދަޔަށް ހާއްސަކޮށް އަގުހެޔޮކޮށް މުދާ ވިއްކާ އެސްޓީއޯއިން ވެސް ވަނީ ބިސް ހޯލްސޭލް ކުރުން ހުއްޓާލާފައެވެ.
އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން މިއަދު "ސަން" އަށް ވިދާޅުވީ، ބިސް ހޯލްހޭލް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ބިސް ހޯލްސޭލްކޮށް ވިއްކެން ފެށޭނެ ކަމަށެވެ. މިހާރުވެސް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާކެޓުން ބިސް ވިއްކަމުން ދާ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯއިން ވަކިން ބިހެއް ވިއްކަނީ 1.50 ރުފިޔާއަށެވެ.
އެސްޓީއޯއިން ހޯލްސޭލްކޮށް ބިސްކޭހެއް ވިއްކާފައިވަނީ 250 ރުފިޔާއަށެވެ.