14 Apr 2010, 14:30
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދުތަޞްދީޤު ކުރައްވައިފި އެވެ.
އެ ބިލް ރައީސް ނަޝީދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މިގެންނެވި އިޞްލާޙުގައި، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމަށްފަހު ކަމަށާއި، މިކަމަށް ޢަމަލުކުރަން ފަށާނީ، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މީލާދީ ތިން އަހަރު ފުރިހަމަވުމަށްފަހުގައި ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެ ތިން އަހަރުގެ މުއްދަތު ހަމަވުމުގެ ހަ މަސްދުވަސް ކުރިން މި ޤާނޫނުހިންގުމަށް ޙަވާލުކުރެވޭ ފަރާތުން ވަކި ކަންތައްތަކެއްކޮށް ނިންމަންވާނެ ކަމަށާއި އޭގެތެރޭގައި، އެއްގަމު އުޅަނދެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބޭ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ ޢާންމު އުޞޫލުތައް ހިމެނޭ ގަވާއިދެއް އިޢްލާނު ކުރުމާއި، އެއްގަމުގައި ދުއްވާ އެއްޗެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ތަޙްޤީޤު ހިނގާނެ އުޞޫލުތަކާއި، ގެއްލުމުގެ ނިސްބަތް ދެނެގަންނާނެ ގޮތުގެ ޢާންމު އުޞޫލުތަކާއި، ގެއްލުމުގެ ބަދަލު ނައިދެވޭނެ އާއްމު އުސޫލުތައް ހިމެނޭ ގަވާއިދެއް އިޢުލާނުކުރުން ހިމެނެ އެވެ.