ސަންޢާ (ޖޫން 18) : ޔަމަންގެ ވެރިރަށް ސަންޢާގައި ކާރުބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 51 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. ޔަމަންގެ އަމަނާ ބެހޭ ފަރާތްތައް ބުނާ ގޮތުން މިކާރުބޮންތައް ގޮއްވާލާފައި ވަނީ ސަންޢާގެ ހަތަރު މިސްކިތްތަކާއި ހޫޘީ ޖަމާއަތުގެ ސިޔާސީ އޮފީހާއި އެޖަމާއަތުގެ ބައެއް ލީޑަރުންގެ ގެތަކަށް އަމާޒުކޮށްގެންނެވެ.

މަންޒަރު ދުށް މީހުން ބުނިގޮތުގައި ހަތަރު ބޮމުގެ ތެރެއިން ދެ ކާރުބޮމެއް ގޮއްވާލާފައި ވަނީ ސަންޢާގެ ގުއްބާ މިސްކިތުގެ ކައިރީގައާއި ކުބްސީ މިސްކިތުގެ ކައިރީގަ އެވެ. އަނެއް ކާރުބޮން ގޮއްވާލާފައިވަނީ ޔަމަންގެ ހޫޘީ ޖަމާއަތުގެ ސިޔާސީ އޮފީސްހުންނަ ސަރަހައްދު ކަމަށްވާ ޖުރާފް ސަރަހައްދުގަ އެވެ. އަނެއް ބޮން ގޮއްވާލާފައި ވަނީ ހޫޘީ ޖަމާއަތުގެ ބައެއް ލީޑަރުންގެ ގެތައް ހުންނަ ސަރަހައްދެއްގަ އެވެ.

ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަކީ މައިގަނޑު ގޮތެއްގައި މުސްލިމުންނަށް އަމާޒުކޮށްގެން އިސްލާމީ ގައުމުތަކުގައި އެކިބާވަތުގެ ޓެރަރިސްޓް ޙަމަލާތައް ދެމުންގެންދާ ތަކްފީރީ ވިސްނުމުގެ ޖަމާއަތެކެވެ. ޔަމަންގައި އިއްޔެ 51 މީހުން މަރާލި ކާރުބޮމުގެ ޙަމަލާގެ ޒިންމާ ވެސް އުފުލާފައި ވަނީ އައިއެސް ޖަމާއަތުންނެވެ. އައިއެސް އަކީ އަލްގާއިދާއިން ވަކިވެގަތް ހަނގުރާމަވެރިން އުފައްދާފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އެހެންކަމުން އަލްގާއިދާއަށް ނިސްބަތްވާ ޖަމާއަތްތަކުން އައިއެސް ސިފަކުރަނީ ދީނުގެ މަގުން އެއްކިބާވެފައިވާ ޚަވާރިޖުންގެ ގޮތުގަ އެވެ.

އައިއެސްގެ ޙަމަލާތައް އަމާޒުކުރާ ތަންތަނުގައި މިސްކިތްތަކާއި ރެފިއުޖީ ކޭންޕްތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި މާރުކޭޓްފަދަ ތަންތަން ހިމެނެ އެެވެ. އައިއެސް ގެ ހަނގުރާމަވެރިން މިފަދަ ޓެރަރިސްޓް ޙަމަލާތައް މުސްލިމުންނަށް އަމާޒުކޮށްގެން ދެމުން ގެންދަނީ އެމީހުންގެ އަމިއްލަ ހަށިތަކުގައި ގޮވާތަކެތި ހަރުކޮށް އަމިއްލަ ހަށިގަނޑު ބޮމަކަށް ހަދައިގެންނެވެ. (ރޮއިޓާސް)