18 Jun 2015, 14:41
ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު، ޗައިނާ އާއި އޮސްޓްރޭލިއާ ސަރުކާރުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޗައިނާގެ ޒިން ހުއާ ނިއުސް އެޖެންސީ އިން ބުނީ 10 އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު އެ ތާރީހީ އެއްބަސްވުމުގައި އިއްޔެ އޮސްޓްރޭލިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރޭޑް މިނިސްޓަރު އެންޑްރޫ ރޮބް ކަމަށާއި ޗައިނާ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ކޮމާސް މިނިސްޓަރު ގައޯ ހޫޗެން ކަމަށެވެ.
އޮސްޓްރޭލިއާގައި އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް އިއްޔެ ވިދާޅުވީ އެ ބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ދުނިޔޭގެ އިގްތިސާދީ ސުޕަޕަވަރަކަށް ވަމުން އަންނަ ޗައިނާއާ އެކު ކުރި ވިޔަފާރީގެ އެއްބަސްވުމަކަށް ވުރެ ބޮޑަށް، ޗައިނާއާ ދޭތެރޭ އޮސްޓްރޭލިއާގެ ފުރިހަމަ އިތުބާރު އޮތްކަން އަންގައިދޭ އެއްބަސްވުމެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި ޗައިނާގެ ކޮމާސް މިނިސްޓަރު
ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގައި ސޮއި ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ އޮސްޓްރޭލިއާ އަކީ ހޮންކޮންގަށް ފަހު، ޗައިނާގެ ބޭރުގެ އިންވެސްޓްމަންޓް ދެ ވަނަ އަށް އެންމެ ކުރީގައި އުޅޭ ސަރަހައްދު ކަމަށެވެ.
"އެ އެއްބަސްވުމާ އެކު ކެޕިޓަލަށް ބޭނުންވާ ފައިސާ ދައުރުވެ، ރިސޯސަސްތައް ގާއިމުކުރެވި، މީހުންނަށާއި އިންޑަސްޓްރީތަކަށާއި ދެ ގައުމަށް އެ ކަމުގެ ފައިދާ ކުރާނެ،" ޗައިނާ ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ އެއްބަސްވުމަށް ފުރިހަމަ އަށް އަމަލު ކުރަން ފެއްޓުމާ އެކު، އޮސްޓްރޭލިއާ އިން އެކްސްޕޯޓް ކުރާ މުދަލުގެ 95 ޕަސެންޓް ޓެރިފް އުވާލެވޭނެ ކަމަށް ޗައިނާ ސަރުކާރުން ބުންޏެވެ. އަދި އޮސްޓްރޭލިއާގައި ޗައިނާގެ ވިޔަފާރިވެރިން އިންސްވެސްޓްކުރުމަށް ހުރި ހުރަސްތައް ނައްތާލުމާ އެކު، ޗައިނާ މީހުންނަށް އޮސްޓްރޭލިއާ އިން ފަށޭހައިން ވީސާ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުން ހިމެނެއެވެ.