އެހެން އަހަރުތަކުގެ ރޯދަ މަހުގައި ބާއްވާ އިހްޔާ ޕްރޮގުރާމް މިއަހަރު ވެސް ބާއްވާގޮތަށް ނިންމައިފި އެވެ. އެ ޕްރޮގުރާމް އަޑުއެހުމަށް ވަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން މިއަހަރު ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފަ އެވެ.

މިރޯދަ މަހު ބާއްވާ ފުރަތަމަ އިހްޔާ ޕްރޮގުރާމުގައި ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދެވެ. މިރޭގެ މައުމޫޟޫއަކީ "ރަޟަލާން މަހު މުސްލިމުންނަށް ލިބިފައިވާ ކާމިޔާބީތައް" މި އެވެ.

އިސްލާމިކް މިނިސްޓުރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިރޯދަ މަހުގެ ކޮންމެ އާދިއްތަ ދުވަހަކާއި ބުރާސްފަތި ދުވަހަކު އެ ޕްރޮގުރާމް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ދެ ރޭ 9:30 އިން 10:30 އަށް އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އެ ޕްރޮގުރާމް ބޭއްވުމަށް ނިންމާފައިވާ އިރު އެ ނަސޭހަތް އަޑުއަހަން އަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ފައިސާގެ އިނާމް ދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޕްރޮގުރާމް އަޑުއެހުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ފައިސާ އިނާމެއްގެ ގޮތުގައި ހަތަރު ބޭފުޅަކަށް 1000 ރުފިޔާ ލިބޭނެ." އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މިފަހަރުގެ އެ ޕްރޮގުރާމުގައި ވެސް އެކި ރޭ އެކި ޝެއިހުން ނަސޭހަތް ދިނުން ކުރިއަށްގެންދާ އިރު ދީނީ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.