18 Jun 2015, 11:14
ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ނުކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އުޒުރުތަކެއް ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.
ސަރުކާރުން މަޝްވަރާއަށް ފުރުސަތު ހުޅުވާލުމުން އަދާލަތު ޕާޓީ އިންނާއި އެމްޑީޕީ އިން މަޝްވަރާގައި ބައިވެރިވުމަށް ފޮނުވި ލިސްޓުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮތުމުން ސަރުކާރުން ބުނީ އެދެ ބޭފުޅުން މަޝްވަރާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މިހާރު ތިބީ ޖަލު ބަންދެއްގައި ކަމަށެވެ.
އަދާލަތު ޕާޓީ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބަންދުކޮށްފައި ހުންނަ ބޭފުޅަކާ އެކު މަޝްވަރާ ކުރުމަކީ އެއްވެސް ގާނުނަކާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ބޮޑެތި އިސްލާމީ އަދި ޑިމޮކުރެޓިކް ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ.
އެހެން ކަމުން ގައުމުގައި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ވާދަވެރި ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ އަސާސެއް ނެތް އުޒުތަކެއް ކަމަށް ބުނެފައިވެ އެވެ. އެކަމަކީ ބިނާކުރުވަނިވި މަޝްވަރާއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ޖެހިލުންވާކަން ދޭހަވާކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
"ޖިނާއީ ހުކުމެއްގެ ސަބަބުން ވިޔަސް ނުވަތަ އެނޫން ގޮތަކުން ވިޔަސް ބަންދު ކޮށްފައި ހުރި ސިޔާސީ ލީޑަރަކާ އެކު މަޝްވަރާކުރުމަކީ އިސްލާމީ ޝަރީއަތާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ޑިމޮކުރެޓިކް އުސޫލުތަކާ ހިލާފުކަމެއް ނޫން." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީ އިން ބުނީ ކޮންމެ ޕާޓީއަކުން ވެސް މަޝްވަރާގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ އިހުތިޔާރު އެޕާޓީއަކަށް ލިބިގެންވާނެ ކަމަށާއި އެކަމަށް ނުފޫޒު ފޯރުވުމުވަކީ ޕާޓީތަކުގެ މުސްތަގިއްލު ކަމަށް އުނިކަންލިބޭ ޑިމޮކްރެޓިކް އުސޫލްތަކާ ހިލާފުކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ކުރެވޭ މަޝްވަރާތަކުގައި މިހާރު މަޝްވަރާ ކުރެވެމުން ދަނީ ހަމައެކަނި ޖުމްހޫރީޕާޓީ އާއެކު އެވެ. އެބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވާ އިރު ޖުމްހޫރީ ޕާޓީ އިން ވަނީ ސަރުކާރަށް ހުށައެޅި ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި އެކްޓުވިސްޓުން މިނިވަން ކުރުން ހިމެނެ އެވެ.