ލޯކަލް މާރުކޭޓް ހުރި ސަރަހައްދުގައި އާ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓް މަރާމާތަށް ފަހު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ ދާއިމީ ގޮތެއްގައި އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އާ އިމާރާތެއް އަޅުއްވާނެ ކަމަށެވެ. އަދި އެ އިމާރާތުގައި ލޯކަލް މާރުކޭޓާއި އެތަނާއި ގުޅިފައިވާ ވިޔަފާރިތައް ވެސް ހިނގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ދުވަހެއް އަންނަން ދެކަށް ވެސް މިތަނަކީ ދިވެހި ރައްޔިތުންނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފައްދާ ލޯކަލް ޕްރޮޑަކްޓްސް ވިއްކޭ ތަަނަކަށް އެބަޖެހޭ ވާން،" މުއިއްޒު ވިދާޅުވި އެވެ. ސަރުކާރުން ލޯކަލް މާރުކޭޓް މަރާމާތުކޮށްފައި ވަނީ އެ ބޭނުމުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ލޯކަލް މާރުކޭޓް މަރާމާތުކުރުމުގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ވިދާޅުވި އެވެ. ކުރީގެ ހުރި އެއްވެސް ބާކަމެއް މިހާރު މާރުކޭޓްގައި ނުހުންނާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން މާރުކޭޓް އޮތީ ހުރިހާ މިންގަނޑަކުން ބަލާ އިރު ވެސް ވަރަށް ނިކަމެތި ގޮތަކަށް ކަމަށެވެ. ސިއްހީ ގޮތުން ބެލިނަމަވެސް އަދި ހުރިހާ އިޖްތިމާއީ މިންގަނޑަކުން ބެލި ނަމަވެސް މާރުކޭޓް އޮތީ ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހައުސިން މިނިސްޓްރީ އިން މާރުކޭޓް ސާވޭ ކުރި އިރު މާރުކޭޓްގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިތާ ތެރޭގައި ގާނޫނު ހުއްދަނުކުރާ އެތައް ކަމެއް ދިއައީ ހިނގަމުން،" ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންތައްތައް ފުލުހުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރުރުވެރިންގެ މާރުކޭޓަކީ މާލޭގެ މުހިއްމު ސަރަހެއްދެއްގައި ހުރިތަނަކަށް ވާތީ އެތަން މަރާމާތުކޮށް އަލުން ހަދާފައި ވަނީ މާލޭގެ މަލަމައްޗަށް ވެސް ރީތިކަން އަންނަ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން މުހިއްމުކަންތައްތަކެއް މާރުކޭޓްގެ ސަބަބުން ހާސިލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރުކޭޓާ ހައުސިން މިނިސްޓްރީ އިން ހަވާލުވި އިރު ރޯދަ މަހަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި އެހެންނަމަވެސް ހައުސިން މިނިސްޓްރީ އިން ބޭނުންވީ ރޯދައަށް އެތަން ނިންމަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމުގައި ފުރިހަމަ އިޖާބައެއް ދީފައިވާތީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. މިނިސްޓަރު މުއިއްޒު ވަނީ ޑިފެންސް މިނިސްޓަރުގެ އިތުރުން ސިފައިން އިސް ބޭފުޅުންނާއި ހުރިހާ ސިފައިންނަށް ޝުކުރު ދަންނަވައިފަ އެވެ.

"ސައުވީސް ގަޑިއިރުހެން ކޮންމެ ދުވަހަކު ހެން މަސައްކަތް ކުރައްވަމުން ގެންދެވީ. ގައުމީ ހިދުމަތުގައި ގައުމީ ވަރުގަދަ ޖޯޝްގައި ރައްޔިތުންނަށް ޓަކައި ގައުމަށް ޓަކައި ބޮޑު ގުރުބާނީއެއްވެވަޑައިގެންފައި ވަނީ،" ސިފައިން ކުރި މަސައްކަތަށް ތައުރީފު ކުރައްވައި، ކުރިން މާލޭ ސިޓީ ކައުންސިލުން ބެލެހެއްޓި މާރުކޭޓާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ އެކު ސިފައިން އެ މަސައްކަތްކޮށްފައި ވަނީ ބޭނުންވި މިންވަރަށް ވުރެ ވެސް މާފުރިހަމަކޮށް ކަމަށް އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ނަތީޖާ ނެރެދޭ އަދި ނަތީޖާ ހާސިލްކޮށްދޭ ސަރުކާރެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މާރުކޭޓް މަރާމާތުގެ މަސައްކަތް ކުރުމަށް އޭރު ދަތުރުވެރިންގެ މާރުކޭޓްގައި ތިބި ވިޔަފާރިކުރާ ފަރާތްތައް ލޯކަލް މާރުކޭޓް ސަރަހައްދަށް ބަދަލުކޮށްފައިވާ ކަަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ -- ސަންފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވީ މާރުކޭޓް މަރާމާތު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ ސިފައިން ބައިވެރިކުރުވީ ކީއްވެގެންތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރިމަތިކުރަމުން އަންނަ ސުވާލެއް ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ ރަމަޟާން މަސް ފެށެންވާއިރަށް ނުނިމެއްޖެ ނަމަ ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަންޖެހިދާނެތީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ސިފައިން ލައްވައި އެ މަސައްކަތްކުރުވުމަށް ނިންމެވީ ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވި އެވެ. މާރުކޭޓްގެ މަސައްކަތް ސިފައިން 14 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި ސިފައިންނަކީ ރައްޔިތުންނަށް ދިމާވާ ބޮޑެތިކަންތައްތަކުގަ އާއި ސަރުކާރަށް ދިމާވާ ބޮޑެތި ކަންތައްތަކުގަ އާއި ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އަމަލީ ގޮތުން ވަރަށް އިސްސަފުގައި ހަރަކާތްތެރިވެ އާއްމުހާލަތަށް ތަން ގެނައުމަށް،" ވަރަށް ބުރަކޮށް މަސައްކަތްކުރާ ނަމޫނާ ބައެއް ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވި އެވެ.

ދަތުރުވެރިންގެ މާރުކޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވާހަކަ ދައްކަވަނީ -- ސަންފޮޓޯ: އަލީ ނަސީރު

މިހާރު ވެސް ގޮޅި ނަގާފައިވާ ފަރާތްތަކުން މާދަމާ ވިޔަފާރިކުރަން ފެށޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.