ޗެލްސީގެ ގޯލް ކީޕަރު ޕެޓަ ޗެކް ގެންދިއުމަށް އާސެނަލުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް، ޗެކްގެ ބަދަލުގައި އާސެނަލްގެ މިޑްފީލްޑަރު އެލެކްސް އޮކްލޭޑް-ޗެމްބަލެއިން ދިނުމަށް މޮރީނިއޯ އެދުމުން އާސެން ވެންގާ އެކަމާ ދެކޮޅުހަދައިފި އެވެ.

ވޭތުވެދިޔަ 11 ވަރަކަށް އަހަރު ދުވަހު ޗެލްސީގެ ގޯލް ބަލަހައްޓަމުންދިޔަ ޗެކްރިޕަބްލިކް ގޯލްކީޕަރު ޕެޓަ ޗެކް، ޕްރިމިއަ ލީގުގެ ވާދަވެރި ކްލަބަކަށް ދޫކޮށްލާކަށް މޮރީނިއޯ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ ނިންމީ، ކުޑަ "ފައިޓެއް" ދީގެން ނަމަވެސް އާސެނަލްގެ އެ ޝައުގުވެރިކަން އަނބުރާލުމަށެވެ. އެހެން ނަމަވެސް، ކޭޝް ޑީލަކާއެކު ކުޅުންތެރިއަކު ލިބޭގޮތަށް ޗެމްބަލެއިން ދޫކޮށްލާކަށް ވެންގާ ބޭނުމެއް ނުވެއެވެ.

"އެހެން ކްލަބްތަކަށް ޕެޓަ ޗެކް ފެންނަ ގޮތަށް އަހަންނަށްވެސް އެ ކްލަބްތަކުން ހަމަ އެފެންވަރުގެ ކުޅުންތެރީން ފެނޭ،" ޗެލްސީގެ ގޯލް ގީޕަރު އެހެން ކްލަބަކަށް ދޫކޮށްލަން ބޭނުން ނުވާކަން ހާމަކޮށް މިދިޔަ މަހު ބޮޑެތި ކްލަބްތަކަށް ރައްދުދެމުން މޮރީނިއޯ ބުނެފައިވެއެވެ.

އުމުރުން 21 އަހަރުގެ ޗެމްބަލެއިންއަކީ އާސެނަލްގެ މެދުތެރެ ބެލެހެއްޓުމަށް ވެންގާ ބޭނުންކުރާ އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށް ވާއިރު، އޭނާ ދޫކޮށްލާފައި އެހެން ކުޅުންތެރިޔަކު ހޯދުމަކީ ވެންގާއަށް ކެތްވާނެ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް 10 މިލިއަން ޕައުންޑުގެ ފީއަކަށް ޗެކް އާސެނަލަށް ގެނެވިދާނޭ ކަމަށް އެޓީމުން ގަބޫލުކުރެއެވެ.

ޗެލްސީގެ ގޯލް ދެ ގޯލް ކީޕަރުން ކަމަށްވާ ޕެޓަ ޗެކްއާއި ތިބައު ކޯޓުއާ -- ފޮޓޯ: ޔޫރޯސްޕޯޓްސް

ބެލްޖިއަމްގެ ޒުވާން ގޯލް ކީޕަރު ތިބައު ކޯޓުއާ ޗެލްސީގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ނަގަންފެށުމާ އެކު ޗެކަށް ވަނީ، ސްޓެމްފޮޑް ބްރިޖް ކްލަބްގެ ފުރަތަމަ 11ގައި ހިމެނުމަށް ލިބޭ ފުރުސަތުތައް މަދުވެފައެވެ. އެހެންކަމުން މި ސީޒަންގައި އޭނާ އެހެން ކްލަބަކަށް ބަދަލުވެދާނޭ ކަމަށް ބެލޭވޭ އިރު އޭގެ ތެރޭގައި، އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީ ފަދަ ކްލަބްތައް ހިމެނެއެވެ. އަދި އޭނާ ބަދަލު ވާނަމަ ބަދަލުވުން އެންމެ ގާތީ އާސެނަލަށް ކަމަށް، ޗެލްސީގެ ގޯލްކީޕިން ކޯޗް ކްރިސްޓޮފާ ލޮލިޗޮން ވަނީ ހާމަކޮށްފައެވެ.

ޗެކް އާއި ކޯޓުއާ -- ފޮޓޯ: ގޯލް

ޗެލްސީއާއެކު ޗެކް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބަ އޮތެވެ. އެހެން ނަމަވެސް ލޮލިޗޮން ބުނެފައިވާގޮތުން ޗެކް އެމިރޭޓް ސްޓޭޑިއަމަށް ބަދަލުވުމަކީ ދުރުކަމެއް ނޫނެވެ.

"މީގެ އެންމެ ބޮޑު ފައިދާއެއް ޗެކަށް އޮތީ، އާސެނަލަކީ ޓޮޕް ކްލަބަކަށް ވެފައި، ޗެކް ގަބޫލުކުރާ ފަލްސަފާއެއްގައި ކުރިއަށް ގެންދާ އަދި ލަންޑަން ކްލަބަކަށް ވުން،" އާރްއެމްސީއަށް ދިން އިންޓަވިއުއެއްގައި ލޮލިޗޮން ބުންޏެވެ.

މީގެ އިތުރުން އާސެނަލްގެ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ރޮސިސްކީ ބުނެފައިވަނީ ޗެކް އާސެނަލާ ގުޅުމަކީ އޭނާގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމުގައި އޭނާވެސް ޗެކާ ވާހަކަ ދައްކާފައި ވާކަން ހާމަކޮށްފައެވެ.