18 Jun 2015, 10:16
ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ސިޓީ ކައުންސިލްތަކުގެ ބާރުތަށް ސަރުކާރަށް ނަގަނީ ސަރުކާރުގެ ބާރުގަދަކުރަން ނޫންކަމަށާއި، ރައްޔިތުންނަށް ފައިދާއަށް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ދަތުރުވެރިންގެ މާރުކޭޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށާއި، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތުގައި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް ހިދުމަތްތަށް ކުރިއަށް ގެންދިއުން ކަމަށެވެ.
އަނިލް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް މިސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ފުރުސަތުތަކެއް ދިން ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އަނިލް ވިދާޅުވި އެވެ.
ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިނިން.
- ކުނި ބުނި ނައްތާލައި މާލޭގެ މަގުތަށް ސާފުކުރުމަށް ފުރުސަތު ދިނިން.
- މާލެއިން ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނިން.
- މާރުކޭޓު ސަރަހައްދަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ފުރުސަތު ދިނިން.
ދަތުރުވެރިންގެ މާރުކޭޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް މާރުކޭޓް ހުޅުއްވާދެއްވަނީ -- ސަންފޮޓޯ އަލީ ނަސީރު
އަނިލް ވިދާޅުވީ، ބަޖެޓް އޮވެ މުވައްޒަފުންނާއި ވަސީލަތްތައް ލިބި ތިބެވެސް ސިޓީކައުންސިލުން އެއިން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
"ބޭނުންވަރަކަށް މުވައްޒަފުން ނުތިބެދާނެ. ހުރިހާ ވަސީލަތްތަކެއް ނުހުރެދާނެ. އަޅުގަނޑުމެންގެ ގައުމުގައި ކޮންކަމެއްތޯ ހުރިހާކަމެއް ފުރިހަމަވެފައި އޮތީ. އެހެވީމަ ހުރި ވަސީލަތްތަކާއި އޮތް ބަޖެޓަކާ އެކީ އެކަންކަން ނުކުރައްވާ ތިއްބެވީ އަޅުގަނޑު ދަންނަވާނީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތީމައޭ،" އަނިލް ވިދާޅުވި އެވެ.
ހުރިހާކަމެއް ނުކޮށް ހުންނަތަށް ފެނުމުން ދެން އަޅަން ޖެހުނު ފިޔަވަޅުތައް ގާނޫނީ އިމުގެތެތެއިން އަޅަން ސަރުކާރަށް މަޖުބޫރުވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ، މާރުކޭޓުވެސް ސާފުތާހިރު ތަނަކަށް ބަދަލުވެގެން ދިއުމުން ދައްކުވައި ދެނީ މިސަރުކާރުގެ އިޚުލާސްތެރިކަން ކަމަށެވެ.
"ފާޑުކިޔުންތެރިން ވިދާޅުވާނެ ތިމަންނަމެނަށްވެސް ތި ސިފައިން ދީބަލާށޭ. ތިމަންނަމެނަށްވެސް ތި ބަޖެޓްދީބަލާށޭ. ތިމަންމެންވެސް ތިކަން ކުރާނަމޭ. މިސަރުކާރުވެގެނެއް ނޫން މާލޭ ސިޓީ ކައުންސިލުގައި އެމްޑީޕީގެ މެޖޯރިޓީ އޮތީކީ. މާލޭގައި ފުރަތަމަ ސިޓީ ކައުންސިލެއް އުފެދުނު އިރު ސަރުކާރުގައި ތިބީ އެމްޑީޕީ މީހުން،" އަނިލް ވިދާޅުވި އެވެ.