18 Jun 2015, 00:32
ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް އޭޝިއާ ޒޯންގެ ގުރޫޕް 'ސީ'ގައި ކުޅުނު ދެ ވަނަ މެޗް ހޮންކޮންގާ ދެކޮޅަށް ކުޅުމަށްފަހު ގައުމީ ޓީމު މިރޭ އިރާކޮޅު މާލެ އައިސްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން އުރީދޫ ދިވެހި ޕްރިމިއާ ލީގު އަލުން ފެށޭނެ އެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ޓީމް ކުޅެން ހަމަޖެހިފައިވާ މެޗްތަކަށާއި ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމް ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ލީގް މެދު ކަނޑާލީ އޭޕްރީލް 23 ވަނަ ދުވަހު މާޒިޔާއާއި އީގަލްސް ކުޅުނު މެޗަށްފަހުގައެވެ.
ގައުމީ ޓީމް ޕްރެކްޓިސް ސެޝަންތައް މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ވަނީ ދެކުނު ކޮރެއާގައިވެސް ކުރިއަށް ގެންގޮސްފައެވެ.
ކޮލިފައިންގައި ގައުމީ ޓިމް ކުޅުނު ފުރަތަމަ މެޗް މިމަހު 11 ވަނަ ދުވަހު ގަތަރާއި ދެކޮޅަށް މާލޭގައި ކުޅެ 1-0 ގެ ނަތީޖައަކުން ވަނީ ބަލިވެފައެވެ.
އަދި ދެވަނަ މެޗް އަންގާރަ ދުވަހު ހޮންކޮންގާ ދެކޮޅަށް ކުޅެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް މާޒިޔާއާއި ހަ ވަނައިގައި އޮތް ވިކްޓަރީއެވެ. އެ މެޗަށް މަޒިޔާ ނިކުންނައިރު ގައުމީ ޓީމްގައި ހިމެނޭ އެޓީމްގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އާއި ގޯލްކީޕަރު ޢިމްރާން މުހައްމަދަށް، ހޮންކޮން މެޗްގައި ލިބުނު އަނިޔާއާ ގުޅިގެން ނުކުޅެވޭނެއެވެ.
އެ ދެކުޅުންތެރިންގެ ރިޕްލޭސްމެންޓާ ބެހޭގޮތުން އަދި މިހާތަނަށް މާޒިޔާއިން މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ގައުމީ ޓީމްގެ ފިޒީޝަން އަޙްމަދު ޝަކީބު ވިދާޅުވީ، ޢިމްރާން ހަ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށާއި އަނިޔާ އިތުރަށް ދެނެގަނެވޭނި އެމްއާރްއައި ސްކޭން ހެއްދުމަށްފަހުގައި ކަމަށެވެ. އަދި އަސައްކޮ ހަތަރު ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަމަށް ޝަކީބު ވަނީ ވިދާޅުވެފައެވެ.
މެދު ކަނޑާލިއިރު ލީގްގައި ކޮންމެ ޓީމެއްވެސް ވަނީ ދެ މެޗް ކުޅެފައެވެ. ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނައިގައި އޮތީ އީގަލްސްއެވެ. އީގަލްސްއާ އެއްވަރަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ތާވަލްގެ ދެ ވަނަ ލިބެނީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓަށެވެ.
ލީގް މެދުކަނޑާލިއިރު ބްރޭކްތެރޭގައި ވަނީ ޓްރާންސްފާ ޕީރިއަޑް ކުރިމަތިވެފައެވެ. ޓްރާންސްފާ ޕީރިއަޑްގައި ލިގްގެ ބޮޑެތި ޓީމްތަކަށްވަނީ އާ ކުޅުންތެރިން ގެނެސްފައެވެ. ޓްރާންސްފާ ޕީރިއަޑް ވަނީ އިއްޔެގެ ނިޔަލަށް ހަމަވެފައެވެ.