ދަތުރުވެރިންގެ މާރުކޭޓް މަރާމާތު ކޮށް ކުލަގަދަ ރަސްމިއްޔާތަކާ އެކު މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މާރުކޭޓް ހުޅުއްވައިދެއްވީ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް އެވެ.

ދަތުރުވެެރިންގެ މާރުކޭޓް ހުޅުވުމަށް މާރުކޭޓް ކުރިމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައިި ސަރުކާރުގެ ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ. އޭގެތެރޭގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމު ހިމެނިވަޑައިގަންނަވައެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ މާރުކޭޓަށް ވަރަށް އެކަށޭނެ ބަދަލުތައް ގެނެސްފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެތަނުގެ ޚިދުމަތްދޭ ފަރާތްތަކަށާއި ޚިދުމަތްލިބިގަންނަ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެވެ. އަދި މާރުކޭޓްގެ ސާފުތާހިރުކަމަށް ޚާއްްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އަނިލް އެދިވަޑައިގެންނެވިއެވެ.

"މި މާރުކޭޓް ބޭނުންކުރާ ފަރާތްތައް ޚިދުމަތްދޭ ފަރާތްތައް ޚިދުމަތް ލިބިގަންނަ ފަރާތްތައް މިތަނަކީ ސާފުތާހިރުކަންމަތީގައި އިންސާނުންނަށް ރައްކާތެރިކަން މަތީގައި ބެލެހެއްޓޭ އުޅެވޭ ތަނަކަށް ހެދުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އަނިލް ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު

މާލޭގައި ފުރަތަމަ ސިޓީ ކައުންސިލެއް އުފެދުނު އިރު އޭރުއޮތީ ވެސް އެމްޑީޕީ ސަރުކާރެއް ކަަމަށާއި އެހެންނަމަވެސް މާރުކޭޓަށް ވެސް ތަރައްގީއެއް ނުގެނެވުނު ކަމަށް އަނިލް ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރަން ބޭނުންވި ބޭކާރު ޚަރަދެއް އޮތީ ކޮށްފަ. ނާޖާއިޒް ގޮތެއްގައި ދޭންޖެހޭ ބިޑެއް އޮތީ ދީފައި. އެހެންނަަމަވެސް އޭރުވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުދެވޭ. މިހާރުވެސް ޚިދުމަތް ނުދެވޭ،"

ދަތުރުވެރިންގެ މާރުކޭޓްގައި ވަނީ ވަށައިގެން ހަތަރު ފޫޓްގެ ފާރެއް ލުމަށް ފަހު އޭގެ މަތިން ފަސް ފޫޓްގެ އެލްމިނިއަމް ފެންސެއް ޖަހާފައެވެ. ދަތުރުވެރިންގެ މާރުކޭޓްގައި 160 ގޮޅި ހުރެއެވެ.

މާދަމާއިން ފެށިގެން ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.