17 Jun 2015, 21:16
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް މަހުލޫފު ހާޒިރުކުރުމުން ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު އިޚްތިޔާރު ކުރައްވައިފި އެވެ.
މަހުލޫފު މިރޭ 'ސަން' އަށް ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރީ ފުލުހުންގެ ސަފުތަށް ފޫއަޅުވާލަން މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދިނުމާއި ފުލުހުންނަށް ހަމަލާދޭން އުޅުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ބުނެ ފުލުހުން ހިންގަމުންދާ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައިވާނެ ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގައި މަހުލޫފު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެންއައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މަހުލޫފު ވަނީ ދޫކޮށްލާފަ އެވެ.