މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ހިންގާ އިމާރާތަށް ދައުލަތުގެ މީޑިއާގެ ނިއުސް ރޫމް ބަދަލުކުރަން ނިންމައިފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް މިރޭ ސަން އަށް ވިދާޅުވީ ދައުލަތުގެ މީޑިއާގެ ނިއުސްރޫމް ހިންގާ އިމާރާތަކީ މީގެ 17 ވަރަކަށް އަހަރުކުރިން ހަދާފައިވާ އިމާރާތެއް ކަމަށާއި އެ އިމާރާތް މިހާރު ވަނީ ވަރަށްބޮޑަށް ބާވެ ހަލާކުވެފައި ކަމަށެވެ.

"ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމަކީ އެއްތަނެއް. އެތަނަކީ ޑެކު އަޅައިގެން ހަދާފައި ހުރިތަނެއް. މީގެ 17 ނޫނީ 18 ވަރަކަށް އަހަރުކުރިން ހަދާފައިވާ އެތަން އެވަނީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައި. އެތަން މަރާމާތު ކުރެވެން ވެސް އޮތީ އެހެންތަނަކަށް ބަދަލުކޮށްގެން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އިމާރާތަކަށް ނިއުސްރޫމް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދުމުން ވަރައަވަހަށް އެކަން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ގ. ބިއްލޫރިޖެހި ގެއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.