ވިލިމާލޭގައި މޯލްޑިވްގޭސް ގެ ސަޕްލައި ޔުނިޓެއް ހުޅުވައި އެ އަވަށަށް ވެސް ގޭސް ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަޕްލައިޔުނިޓް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި މޯލްޑިވްގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ.

ވިލިމާލޭގައި މޯލްޑިވް ގޭސްގެ ސަޕްލައި ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަދު ހުޅުވި ސަޕްލައި ޔުނިޓްގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މޯލްޑިވްގޭސް ހިލޭ ޑެލިވަރީކޮށްދޭނެ އެވެ.

ވިލިމާލޭގައި މޯލްޑިވް ގޭސްގެ ސަޕްލައި ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ވިލިމާލޭގައި މީގެކުރިން ގޭސް ފޯރުކޮށްދެމުން ދިޔައީ، އެ ކުންފުނީގެ އެޖެންޓެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެއިރު ގޭހަށް ބޭނުންވާތާ ތިންދުވަސް ނުވަތަ ހަތަރު ދުވަސްވާއިރުވެސް ބައެއްފަހަރު ގޭސް ނުލިބޭ ކަމަށެވެ.

މައުމޫން ވިދާޅުވީ ހުޅުމާލޭގައި އުޅޭ ރައްޔިތުންނެކޭ އެއްފަދައިން ވިލިމާލެގައި އުޅޭ ރައްޔިތުންނަށް ވެސް ގޭސް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވިލިމާލޭގައި މޯލްޑިވް ގޭސްގެ ސަޕްލައި ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫން ވާހަކަފުޅުދައްކަވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"އަޅުގަނޑުމެން ވަރަށް ދުވަސްވެއްޖެ މަސައްކަތް ކުރާތާ މިތަނުން ބިން ހޯދަން. އެއީ މިފަދަ ކަމެއް ވެއްޖެއްޔާ ގުދަނަކާ ތަންތަން ހުންނަން ޖެހޭނެ. އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް ބޮޑަތި ހުރަސްތަކާ ކުރިމަތިވި،" މައުމޫން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މީގެކުރިން ގޭސް ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާއި މޯލްޑިވްސް ގޭސް އަދި އެސްޓީއޯ އިން ކުރެއްވި މަސައްކަތުން ދެން ވިލިމާލެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ގޭސް ލިބޭނެ ކަމަށެވެ.

ވިލިމާލޭގައި މޯލްޑިވް ގޭސްގެ ސަޕްލައި ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނިހާން ވާހަކަފުޅުދައްކަވަނީ ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މޯލްޑިވްގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ގޭހަށް އެދި ގުޅާލުމުން ގޭގެ ދޮރާ ހަމައަށް ގޭސް ޑެލިވަރީކޮށްދޭނެ ކަމަށެވެ. ގޭހަށް އެދި ގުޅާނެ ނަންބަރަކީ 3325473 އެވެ. އެ ނަންބަރަށް ގުޅައިގެން ގޭހުގެ ޚިދުމަތައް ރަޖިސްޓަރީވެސް ކުރެވޭނެ އެވެ.