17 Jun 2015, 19:31
ކުރިން މާލޭ ސިޓީ ކައުންސިލް ހިންގި އިމާރާތް ކަމުގައިވާ ގ. ބިއްލޫރިޖެހިގެއަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި ސަރުކާރުން ވަނީ ގ. ބިއްލޫރިޖެހި ގެއަށް ބަދަލުވުމަށް މުހުލަތެއް ދިނުމަށްފަހު ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލަށް އަންގާފައެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިރޭ ސަން އަށް ވިދާޅުވީ ބިއްލޫރިޖެހި ގެއަށް ބަދަލުވުމަށް ސަރުކާރުން މުހުލަތުދީފައި ވަނީ މިއަދުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ނިންމާނުލެވޭނެތީ އިތުރު މުހުލަތެއް ދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިއްލޫރިޖެހިގޭގައި ހިންގަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހުރަވީ ބިލްޑިންގ އަށް ބަދަލުކޮށްފައެވެ.