މި ރޯދަމަހު އއ. ބޮޑުފުޅަދޫ ކޮންމެ ގެއެއްގެ ކަރަންޓު ބިލްގެ ދެބައިކުޅަ އެއްބައި އެރަށު ކައުންސިލުން ދައްކައިދޭން ނިންމައިފިއެވެ.

މިދިޔަ އަހަރު އެރަށު ގެތަކުގެ ކަރަންޓުބިލް އެއްކޮށް އެކައުންސިލް އިން ވަނީ ދައްކަދީފައެވެ.

އާބާދީގައި 752 މީހުން ދިރިއުޅޭ، 75 ގޭބިސީ ހުންނަ ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް މިއަދު ސަން އަށް ވިދާޅުވީ އެރަށުގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލުތަކުގެ ދެބައިކުޅަ އެއްބައި ކައުންސިލުން ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް 110000 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

"މިރަށުގައި ހުންނަނީ ސްޓެލްކޯގެ ޖަނަރޭޓަރު ގެއެއް. ދެން ކައުންސިލްއިން ރޯދަ މަހު ކޮންމެ ގެއެއްގެ ކަރަންޓްބިލުގެ ދެބައިކުޅަ އެއްބައި ދައްކައިދެނ. އެބިލްތައް ދައްކައިދެނީ ކައުންސިލްގެ އާމްދަނީއިން،" ސުޖާއު ވިދާޅުވިއެވެ.

ބޮޑުފުޅަދޫ ކައުންސިލަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްއެކެވެ. އެކައުންސިލްގައި ޕީޕީއެމްގެ ތިން ކައުންސިލަރުން ތިބޭއިރު ޖުމްހޫރީ ޕާޓީގެ ދެ ކައުންސިލަރުން ތިބެއެވެ.