ކ. ތުނބަފުށީގައި ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް ޗަމްޕާ މުހައްމަދު މޫސާއަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ކ. ކަގި ކައިރީގައި އޮންނަ ފަޅެއް ކަމަށްވާ މިހާރުގެ ތުނބަފުށީގައި 1999 ވަނަ އަހަރުން ފެށިގެން މ. ޗަމްޕާމާގޭ މުހައްމަދު މޫސާ، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާއާ ހިލާފަށް ގިނަ މަސައްކަތްތަކެއްކޮށް، މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންތަކެއްވެ އިއާދަ ނުކުރެވޭފަދަ ބޮޑެތި ބަދަލުތަކެއް އެ ފަޅުގެ ގުދުރަތީ ވެއްޓަށް އަންނަމުން ދާ ކަމަށް ވެސް ބުނެފައި ވެއެވެ.

"... ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން ކ. ތުނބަފުށީގައި މިހާރު ކުރެވެމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުން މ. ޗަމްޕާމާގޭ މުހައްމަދު މޫސާއަށް އަންގާ" ކަމަށް ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ ތުނބަފުށީގައި މި މަސައްކަތްތައް ހިނގާތީ ތިމާވެއްޓާބެހޭ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާރު ފަށާފައިވާ ކަމަށެވެ.