17 Jun 2015, 17:13
ރޯދަމަހުގެ "ރަސްބުއިން" ކަމަށްވާ ކަރާގެ އަގު މިހާރު ބާޒާރުގައި ހުރީ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާ އާ ދޭތެރޭ އަގުތަކެއްގައެވެ.
ރޯދަ މަސް ފެށެން އެއް ދުވަހަށް ވެފައިވާއިރު އަގުތައް މިވަނީ ބޮޑުވެފައެވެ. މީގެ ދެ ދުވަސްކުރިން މާލޭ މާރުކޭޓުގައި ކަރާ ކިލޯއެއް ވިއްކަން ހުރީ 15 ރުފިޔާއަށެވެ. ނަމަވެސް މިއަދު އާންމުކޮށް ކަރާ ކިލޯއެއް ވިއްކަމުން ދަނީ 25 ރުފިޔާއަށެވެ.
ކަރާގެ އަގުތައް ބޮޑުވެފައިވާއިރު ފަނިގިރުމަށް ބޭނުންކުރާ އެހެން ބާވަތްތަކުގެ އަގުތައްވެސް މައްޗެވެ. އެގޮތުން އަނބެއްގެ އަގު 25 ރުފިޔާއަށް އުޅޭއިރު ކުރުނބައެއްގެ އަގުވެސް އުޅެނީ 25 ރުފިޔާއަށެވެ.
ރޯދަމަސް ފެށޭއިރު ރާއްޖޭގެ ދަނޑުވެރިކަމަށް މިފަހަރު ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވެފައިވާ ރަށްތަކުގެ ތެރޭގައި ގދ. ފިޔޯރީ، އއ. ތޮއްޑޫ، އަދި ލ. އަތޮޅުގެ ދަނޑުވެރިކަން ކޮށްއުޅޭ ބައެއް ރަށްރަށާއި ގދ. ވާދޫ ހިމެނެއެވެ.