މި އަހަރުގެ މުލަރޯދަ ދުވަހަކީ މާދަމާކަމަށް އިސްލާމީ ގައުމުތަކުން ނިންމުމާ ގުޅިގެން ދުނިޔޭގެ މުސްލިމުން ބަރަކާތްތެރި ރަމަޟާން މަހަށް މަރްޙަބާ ކިޔަމުން އެބަގެންދެ އެވެ.
ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ގުރްއާން ބާވާލެއްވި އަދި އެއްހާސް މައްސަރަށް ވުރެ ހޮޔޮކަންބޮޑު ރޭ ކަމަށްވާ ލައިލަތުލްގަދްރި ވިލޭރޭ އެމަހެއްގައި ލައްވާފައިވާ ބަރަކާތްތެރި މަހެވެ. ދުނިޔޭގެ އާބާދީގައި ހިމެނޭ 1.7 ބިލިޔަން މުސްލިމުން މިމަހަށް މަރްޙަބާކިޔައި އެމަހުގެ ބަރަކާތް ހޯދަމުން ގެންދަނީ އުފުލާއި ހިތްހަމަޖެހުމާއެކީގަ އެވެ. ތިރީގައި މިވަނީ މިއަހަރުގެ ރަމަޟާން މަހު އެންމެ ދިގުވަގުތުތަކުގައި ރޯދައަށް ތިބެން ޖެހޭ ގައުމުތަކާއި އެންމެ މަދުވަގުތުތަކުގައި ރޯދައަށް ތިބެން ޖެހޭ ގައުމުތަކެވެ.
ދިގުވަގުތުތަކުގައި ރޯދައަށް ތިބެންޖެހޭ ގައުމުތައް :
1. ޑެންމާކު : 21 ގަޑި
2. ސުވިޑްން، ނޯވޭ އަދި އައިސްލެންޑް: 21 ގަޑި
3. ރަޝިޔާ: 19 ގަޑި
4. ބެލްޖިޔަމް އަދި ނެދަރލޭންޑްސް: 18 ގަޑި 30 މިނިޓު


މަދުވަގުތުތަކުގައި ރޯދައަށް ތިބެންޖެހޭ ގައުމުތައް:
1. އާޖެންޓީނާ: 9 ގަޑި 30 މިނިޓު
2. އޮސްޓްރޭލިޔާ: 10 ގަޑި
3. ދެކުނު އެފްރިކާ: 10 ގަޑި 30 މިނިޓު
4. ބްރަޒީލް 11 ގަޑި
މިއަދަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް އިސްލާމީ ގިނަ ގައުމުތަކުން ވަނީ އިޢްލާންކޮށްފަ އެވެ. އިސްލާމީ ގިނަ ގައުމުތަކުން ވަނީ ކުރީ ރޭ އެގައުމުތަކަށް ހަނދު ނުފެންނަކަން ރަސްމީގޮތުން އިޢްލާންކޮށްފަ އެވެ.

އިސްލާމީ ދެގައުމެއް ފިޔަވައި އެހެން ހުރިހާ އިސްލާމީ ގައުމުތަކަށް ކުރީ ރޭ އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތައް ދައްކަ އެވެ. އަދި އިރުއޮއްސުމުގެ ކުރިން ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދެ ގައުމު ކަމަށްވާ މޮރިޓޭނިޔާއާއި ސެނެގޯލް އަށް ވެސް ހަމަލޮލުން ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ފަލަކީ ހިސާބުތަކާބެހޭ ރިޕޯޓްތައް ބުނެ އެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. އަޅުކަމުގެ އިތުރުން އެމަހަކީ މުސްލިމުންގެ އިޖްތިމާއީ ގުޅުންތައް ވެސް އާދަޔާ ޚިލާފަށް ބޮޑުވެގެންދާ އަދި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ފަގީރުންނަށާއި މިސްކީނުންނަށާއި ޔަތީމުންނަށް ގިނަގިނައިން ސަދަގާތްވެސް ކުރުމުގެ މައްސަރެކެވެ. (ނޫސްއެޖެންސީތައް)