ރާއްޖޭގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގައި ސަރުކާރަށް ލަފާ ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޗެރީ ބްލެއާގެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގައި ސަރުކާރަށް ލަފާދިނުމަށް އިންސާނީ ހައްގުތަކުގެ ދާއިރާގެ ބައިނަލް އަގުވާމީ ވަކީލެއް ކަމަށްވާ ޗެރީ ބްލެއާ ރިޔާސަތު ބަލަހައްޓާ އޮމްނިއާ ސްޓްރެޓެޖީ އެލްއެލްޕީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސަރުކާރަށް ލަފާދިނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ސަރުކާރުން ކުރިއަށް ގެންދާ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"...ގާނޫނީ ލަފާ ދޭ ބައިނަލް އަގުވާމީ ކުންފުންޏަކާ ސަރުކާރުން މަސައްކަތް ހަވާލުކުރަން ނިންމުމުން ދައްކުވައިދެނީ ދައުލަތުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖެއަށް ހާއްސަ ސިފަތައް ވެސް ހިފަހައްޓާ ހާލު، ބައިނަލް އަގުވާމީ އާއްމު އުސޫލުތަކާ އެއްގޮތަށް، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ ސަގާފަތް ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާ މިންވަރެވެ،" ބަޔާނުގައި ވެއެވެ.