17 Jun 2015, 16:22
މ. މުލީ ބިންހިއްކުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދާތީ އެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިޔާގެ ސަބް ކޮންޓްރެކްޓަރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު ސަން އަށް ވިދާޅުވީ، ބިންހިއްކުމުގެ މަޝްރޫއުގެ ތިންބައިކުޅަ އެއްބައި ނިމިފައި ވީނަމަވެސް، އެ މަސައްކަތް ކުރިއަށްދަނީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.
"އެންމެ ބޭނުންވާގޮތަކަށް ނޫން މަސައްކަތް ކުރިއަށް ދަނީ. އެހެންވީމަ އަޅުގަނޑުމެން މިދަނީ އެކުންފުންޏާއެކު [ސަބް ކޮންޓްރެކްޓަރު] މަޝްވަރާކުރަމުން،" ހަލީމް ވިދާޅުވިއެވެ.
މ. މުލީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު --- ސަން ފޮޓޯ: އަހްމަދު އާޒިފް
ޖުމްލަ 37 ހެކްޓަރުގެ ބޮޑުމިނުގެ މުލި، 40 ހެކްޓަރުގެ ބޮޑުމިނަށް ހިއްކަން މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރީ 138 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީން އެ މަސައްކަތް ހަވާލުކުރި މެލޭޝިޔާގެ ކުންފުނިން އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ އަބީދު މިއަދު ސަން އަށް ވިދާޅުވީ، މުލީ ބިން ހިއްކަނީ ކުދި ރަށްތަކުގައި ދިރިއުޅޭ މީހުންނަށް އެއްބިމަކުން ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިނޭބެގޮތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ހިއްކާ ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ހިއްކާ ސަރަހައްދުގެ ތަރައްގީއަށް އެކުލަވައިލެވޭ ލޭންޑު ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށެވެ.
"ހިއްކާ މިބުމުގެ ތަރައްގީގެ ޕްލޭންނުގައި ކޮމާޝަލް، އިންޑަސްޓްރިއަލް، ރިކްރިއޭޝަނަލް، އަދި ރެޒިޑެންޝަލް ބޭނުމަށް ކަނޑައެޅިފައިވާ ބިންތައް ހިމެނިފައިވޭ،" އަބީދު ވިދާޅުވި އެވެ.
މ. މުލީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު --- ސަން ފޮޓޯ: އަހްމަދު އާޒިފް
މުލީ ކައުންސިލްގެ ރައީސް އަހްމަދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއު ނިމޭއިރު އެރަށާއި އެއަތޮޅު ނާލާފުށި ކޯޒުވޭއަކުން ގުޅާލުމަށް ކައުންސިލުން ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ސަރުކާރަށް ހުށަހެޅީ އެކަމުގެ ސަބަބުން ނާލާފުށީގެ ރައްޔިތުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެތީ ކަމަށެވެ.
"ހުޅަނގު މޫސުމުގައި ވަރަށް ބޮޑަށް އުނދަގޫވޭ ސްކޫލް ކުދިންނަށް ކަނޑުމަގުން ދަތުރުކުރުމަށް. ކޯޒުވޭއަކުން ގުޅާލެވިއްޖެނަމަ އެއްގަމުމަގުން ދަތުރުކުރެވޭނެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ،" ނާފިޒު ވިދާޅުވި އެވެ.
މ. މުލީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު --- ސަން ފޮޓޯ: އަހްމަދު އާޒިފް
އާބާދީގައި 500 ވަރަކަށް މީހުން ދިރިއުޅޭ ނާލާފުށީގައި ކިޔަވައިދެނީ ގްރޭޑް 5 އާ ހަމައަށެވެ. ނާލާފުއްޓަށް ނިސްބަތްވާ ގްރޭޑް 6 އިން މަތީގެ ދަރިވަރުން ތައުލީމް ހާސިލްކުރަނީ މުލީގައި ހުންނަ މ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.