މާތްވެގެންވާ ރަމަޟާން މަހުގައި ސަދަގާތް ދީ ހެޔޮ އަމަލުތައް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

މާދަމައަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވާއިރު، ރަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ، ރަމަޟާން މަހަކީ، މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި ރޫޙާނީ މައްސަރެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަމަޟާން މަހަކީ އިސްލާމީ އުއްމަތަށް ދެއްވާފައިވާ ވަރަށްބޮޑު ރަޙްމަތަކާއި ނިޢުމަތެއް ކަމަށެވެ.

މި މާތް މައްސަރުގެ ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ރައީސް ޔާމީން ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

" ...އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެޔާއެކު، މި މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ކީރިތި ޤުރްއާނަށް އިތުރު އަހަންމިއްޔަތު ކަމެއް ދެއްވައި، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ޔާމީންގެ ހިތާބުގައި ވެއެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ވަނީ ރޯދަ މަސް އައުމުގެ ކުރިން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައިފައެވެ.

ރަމަޟާން މަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ރައީސް ޔާމީން ފޮނުއްވާފައިވާއިރު ރައީސް ޔާމީން ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

"މާތްﷲ މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! އަދި މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށިއެވެ." ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.