ބ. ތުޅާދޫގެ ކުނިކޮށީގައި ހުރި ކުނިތައް ނައްތާލާނެ ގޮތެއް ނެތުމާ ގުޅިގެން އެ ރަށުގައި ޑެންގޫ ހުން އާންމުވެ، ރަށުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތުޅާދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގެ ކުނި ގޮނޑުގައި މަދިރި އާލާވާ ފަދަ ގިނަ ސާމާނުތަކެއް އެބަހުރި ކަމަށާއި އެތަކެތީގެ ސަބަބުން ހަލުވިކަމާ އެކު ޑެންގޫ ފެތުރެމުންދާ ކަމަށާއި އަދި ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ މީހުން ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި ރަށުގައި ފެތުރެމެންދާ ޑެންގޫ ހުމާ އެކު މިހާރު އެ ރަށުން ހަ މަހުގެ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ. އަދި އެ ބައްޔަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ރަޝީދު ވިދާޅުވީ ޑެންގޫ ޖެހި އެ ބަލީގެ އަލާމަތްތައް ފެންނަން ފަށަނީ ހަފްތާއެއް ފަހުން ކަމަށާއި އެ ބަލި ޖެހި އަލާމަތްތައް ނުފެންނަ ގިނަ ބަޔަކު ރަށުގައި ތިބެދާނެ ކަމަށް ރަށުގެ ސިއްހީ މަރުކަޒުން ބުނެފައިވާ ކަމަށެވެ.

އެ ބަލީން ރަށްކާތެރިވުމަށް ރަށު ތެރެ ސާފުތާހިރު ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް ކުނި ކޮށީގައި ހުރި ދަގަނޑާއި ޕްލާސްޓިކްގެ ސަބަބުން އެތަކެތީގައި ވަނީ ފެން ހެދި މަދިރި ފަނި އަޅާފައި ކަމަށާއި އެތަކެތި ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެތަކެތި ނައްތާލެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.

އެ ކަންތައް ހައްލުކުރުމަށް އެދި ހެލްތު މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އަށް ވަނީ އެ މައްސަލަ ހުށަހަޅައިފައި ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެކަމުގައި ކައުންސިލަރުން ވަނީ ތިން ކަމަކަށް އެދިފައި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ކުނިކޮށިން ނައްތާލުމަށް ބޭނުންވާ 50،000 ރުފިޔާ ފައިސާ ލިބުން ކަމަށާއި އެ އެހީ ފޯރު ކޮށްދެއްވުމަށް އެދިފައިވާ ކަމަށެވެ. އަދި ޑެންގޫއަށް ފަރުވާ ކުރުމަށް ބޭނުންވާ ޑެންގޫ ކިޓާއި ބަލިމީހުން އުފުލޭނެ އަވަސް އިމަޖެންސީ ސީ އެމްބިއުލެންސްގެ ހިދުމަތް ފޯރު ކޮށްދެވޭނެ ގޮތެއް ހެދުމަށް ވެސް ސަރުކާރުގައި އެދިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.