17 Jun 2015, 15:45
ވޮޝިންޓަން (ޖޫން 17): އިންޑިއާ އާއި ޕާކިސްތާނުގެ ސިފައިން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަމަލާތައް ބަދަލު ކުރަމުން ދާތީ ކަންބޮޑުވާކަން އެމެރިކާ ބުނެފި އެވެ.
ވޮޝިންޓަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގައި ދެ ގައުމުގެ ސިފައިން ޙަމަލާތައް ބަދަލުކުރާ މައްސަލައަކީ އެމެރިކާ އަބަދު ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ނަމަވެސް އެއީ ހައްލަކަށް ނާންނަ މައްސަލައެއް ކަމަށެވެ. ކެރީ ވިދާޅުވީ އެމެރިކާގެ އެ ކަންބޮޑުވުންތައް އޭނާ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ އާވެސް އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ. ދެކުނު އޭޝިޔާގެ އެންމެ ބޮޑު އަސްކަރީ ދެބާރަކީ އިންޑިއާ އާއި ޕާކިސްތާން ކަމަށާއި އެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްޙަ އޮތީ އިންޑިޔާ އާއި ޕާކިސްތާނާ ގުޅިފައި ކަމަށް ވެސް ކެރީ ވިދާޅުވި އެވެ.
ކަޝްމީރުގައިވާ ސަރަހައްދީ ރޮނގު ކަމަށްވާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާން ސިފައިން ބަދަލު ކުރި ޙަމަލާތަކުގައި މިދިޔަ އަހަރު ވެސް 59 ސިފައިން މަރުވެފައިވާ ކަމަށް އިންޑިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ. ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާ ސިފައިންނާ ބަދަލުކުރި ޙަމަލާތަކުގައި ޕާކިސްތާން ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މިދިޔަ އަހަރު ވެސް މަރުވެފައިވެ އެވެ.
އިންޑިއާ އާއި ޕާކިސްތާނަކީ ތިން ހަނގުރާމައެއް ކޮށްފައިވާ ދެ ގައުމެވެ. މިހާރު އެ ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ އެއް ފެށުމުގެ ފުރުސަތު ކުޑައީ އެ ދެ ގައުމަކީ ވެސް ނިއުކްލިޔާ ދެ ބާރުކަމަށް ވާތީ ކަމަށާއި މި ދެ ގައުމުން ކުރެ އެއް ގައުމަކަށް ވެސް އަނެއް ގައުމު އަސްކަރީ ގޮތުން ބަލިކޮށް ނުލެވޭނެ އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. (ރޮއިޓާސް)