ރޯދަޔަށް ޚާއްސަކޮށްގެން އެސްޓީއޯއިން ވިއްކަމުން އައި ބިސް، ހޯލްސޭލް ކުރުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.

އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން މިއަދު "ސަން" އަށް ވިދާޅުވީ، ބިސް ހޯލްހޭލް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ބިސް ހޯލްސޭލްކޮށް ވިއްކެން ފެށޭނެ ކަމަށެވެ. މިހާރުވެސް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާކެޓުން ބިސް ވިއްކަމުން ދާ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯއިން ވަކިން ބިހެއް ވިއްކަނީ 1.50 ރުފިޔާއަށެވެ.

"އަޅުގަނޑުމެން ހޯލްސޭލް ނުކުރަނީ. އެއީ އަޅުގަނޑުމެން ހޯލްސޭލް ކުރަން ފަށައިފިއްޔާ ގިނަ މީހުންނަށް ނުލިބޭނެ ދެއްތޯ އެހެންވީމަ،" އާޝާން ވިދާޅުވި އެވެ.

އެސްޓީއޯއިން ހޯލްސޭލްކޮށް ބިސްކޭހެއް ވިއްކާފައިވަނީ 250 ރުފިޔާއަށެވެ. ބާޒާރުގައި ބިސްކޭހެއްގެ އަގު އުޅެނީ 600 ރުފިޔާއަށްވުރެ ބޮޑުކޮށެވެ.

އެސްޓީއޯއިން ބިސް ހޯލްސޭލްކޮށް ވިއްކުން ހުއްޓާލިނަމަވެސް ފިޔާ އާއި އަލުވި ހޯލްސޭލްކޮށް ވިއްކަމުން ދެއެވެ. އަލުވި ބަސްތާއެއް 118 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ.