ބައެއް މިނިސްޓުރީތަކުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންނެވި ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މިނިސްޓްރީތަކުގެ ހިންގުމަށް ސަރުކާރުން ގެނެސްފައިވާ ބަދަލަކީ ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހޯމް މިނިސްޓުރީގެ ދަށަށް ގެނައުމަށާއި ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ، ޑިޕާޓްމެންޓު އޮފް އިމިގުރޭޝަން އެންޑް އެމިގްރޭޝަން އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށާއި ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުގެ ޙަރަކާތްތައް މޮނިޓަކުރުމަށް ކޮލިޓީ އެޝުއަރަންސްގެ ނަމުގައި އުފެއްދެވި ޑިޕާޓްމަންޓް އެޑިއުކޭޝަން މިނިސްރީގެ ދަށުން ހިންގުމަށެވެ.

ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ގެންދާ ކުދިން، އުމުރުން 18 އަހަރު ފުރެންދެން އެ ކުދިން ބެލެހެއްޓުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހަވާލު ކުރުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވާފަ އެވެ.

މިނިސްޓްރީތަކުގެ ހިންގުމަށް ރައީސް ޔަމީން ގެންނެވި ބަދަލުތަކަށް ވަކިވަކިން މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން، އެކަންތައްތަކަށް ރުހުން ދިނީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.