މިދުވަސްވަރު ދިވެހި ރެޑް ކްރެސްންޓް (އެމްއާސީ)ގެ ނަމުގައި އާންމުންގެ ފޯނުތަކަށް ގުޅައި، އޮޅުވާލައިގެން ތަފާތު ނަންބަރުތަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމުންދާތީ އާންމުން އެކަމަށް ސަމާލުވުމަށް އެ ޖަމާއަތުން އެދިއްޖެ އެވެ.

އެމްއާރްސީގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސް މޯބަލައިޒޭޝަން މެނޭޖަރު ސަފާ މުސްތަފާ މިއަދު "ސަން" އަށް ވިދާޅުވީ، މި ފަހަކަށް އައިސް އެ ޖަމާއަތުގެ ނަމުގައި ބަޔަކު މީހުން ނޭޕާލަށް އެހީވުމަށް ކަމަށް ބުނެ "ފްރޯޑް" ކޯލުތައް ކޮށް، ފައިސާ ހޯދަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ނުދަންނަ ނަމްބަރުތަކުން ގުޅާފައި މިބުނަނީ، މިއީ ދިވެހި ރެޑް ކްރެސެންޓުންނޭ. ނޭޕާލަށް ނުވަތަ އެފަދަ އިންސާނީ އެހީއަށް ބޭނުންވެފައިވާ ބަޔަކަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ފައިސާ ޖަމާކޮށްދޭށޭ. އެގޮތުން ގިނަފަހަރު މިބުނަނީ މިވެނި ނަންބަރަކަށް ޓޮޕްއަޕް، ނުވަތަ ރިލޯޑް ކޮށްދޭށޭ،" ސަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއާރުސީން ފަންޑް ރެއިޒްކުރުމުގެ އެއްވެސް ޕްރޮގްރާމެއް މިވަގުތު ނުހިންގާ ކަމަށާއި އެފަދަ ކަމެއް ކުރާނަމަ، މީޑިއާ މެދުވެރިކޮށް އާންމުންނަށް އެކަން އަންގާނޭ ކަމަށާއި އަދި ފައިސާ ޖަމާކުރާނަމަ، ރާއްޖޭގެ ކޮންމެވެސް ބޭންކެއްގައި ރަސްމީކޮށް އެކަމަށް އެކައުންޓެއް ހުޅުވައި އާންމުކޮށް އެކަން އިއުލާނުކުރާނޭ ކަމަށެވެ.

"އަޅުގަނޑުމެން މީސްމީހުންނަށް ގުޅާފައެއް ނުބުނާނަން، އެވެނި ނަންބަރަކަށް މިވެނި ނަންބަރަކަށް ރިލޯޑް ނުވަތަ ޓޮޕްއަޕްކުރާކަށް. އެމްއާރުސީން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނީ ވަރަށް ބޮޑަ ދެފުށް ފެންނަގޮތަށް އާންމުންނަށް އެކަން ވަރަށް ރަނގަޅަށް ހާމަކޮށްދީގެން،" ގޮތް ނޭނގޭ ފަރާތްތަކުން ޕްރިިޕެއިޑް ނަންބަރުތަކަށް ފައިސާ ޖަމާކޮށްދޭން އެދުނު ނަމަވެސް އެފަދަ ކަންކަމަށް އިޖާބަ ނުދިނުމަށް އިލްތިމާސް ކުރަމުން ސަފާ ވިދާޅުވިއެވެ.

ސަފާ ވިދާޅުވީ، އެގޮތަށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން، އެމީހުންނަކީ ރެޑްބުލް، ދިރާގު، އުރީދޫ، އަދި މީޑިއާތަކުން އެމްއާރުސީއާ ގުޅިގެން ހިންގާ ހަރަކާތެއް ކަމަށް ބުނެ އާންމުންގެ ބޮލަށް ސަވާރުވެ ލަނޑުދެމުންދާ ކަމަށެވެ.

އެމްއާރުސީން ބުނެފައި ވަނީ، 25 އޭޕްރީލް 2015ގައި ނޭޕާލަށް ކުރިމަތިވި ބިންހެލުމާ ގުޅިގެން އެ ޖަމާއަތާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހުޅުވި، "ނޭޕާލް ރިލީފް ފަންޑު"ގެ ހަރަކާތްތައް މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ނިމިފައިވާ ކަަމަށެވެ. އަދި އެދުވަހުގެ ފަހުން އެފަދަ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކާ ގުޅިގެން އެ ޖަމިއްޔާއިން ކުރިއަށް ނުގެންދާ ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ގޮތްނޭނގޭ ނަމްބަރުތަކުން ގުޅާފައި އަގުހުރި ހަދިޔާ ތަކާއި އަގުބޮޑު އިނާމްތައް ހުށަހެޅިފައިވާ ޕްރޮމޯޝަންތަކުގައި ބައިވެރިވުމަށް ބުނެ، އެގޮތަށް މީހުންއަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަން، މީގެ ކުރިން ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ކޯލްތަކަށް އިޖާބަ ނުދިނުމަށާއި އެފަދަ ފަރާތްތަކުގެ މައުލޫމާތު ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ވެސް އެފަރާތްތަކުން ވަނީ އެދިފައެވެ.