މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި ކަމަށް ތުހުމަތުކުރެވޭ ކުއްޖަކު ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޖުވެނައިލް ކޯޓުން އެކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައި ވަނީ އެކުއްޖާ އަކީ ނަފްސާނީ ގޮތުން ބަލި ކުއްޖެއް ކަމަށް ތަފާތު އެކި ފަހަރުމަތިން ކޯޓުގައި ބުނެފައި ވާތީ ކަމަށް ވަނީ އެނގިފަ އެވެ.

ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ ޑޮކްޓަރަށް ދެއްކި އެއްވެސް ފަހަރަކު ނަފްސާނީ ޑޮކްޓަރަކަށް އޭނާ ދައްކާފައިނުވާ ކަންވެސް ވަނީ އެނގިފަ އެވެ. އަދި ނަފްސާނީ ބަލި ހުރިކަމަށް ބުނެ ޑޮކްޓަރުން އޭނާއަށް އެއްވެސް ލިޔުމެއްވެސް ދީފައި ނުވާކަން ވަނީ އެނގިފަ އެވެ.

ޝަރީއަތް ނިމެންދެން ނުވަތަ ކޯޓުން އެހެންގޮތަކަށް އަމުރުކުރަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނީ މިއަހަރުގެ ފުބުރުއަރީ 19 ވަނަ ދުވަހު އެވެ.

އޭނާ ގޭ ބަންދަށް ބަދަލު ކުރުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ފުލުހުން ވަނީ ޖުވެނައިލް ކޯޓުގައި ބުނެފައެވެ.

ކޯޓުން އިއްޔެ ގޭބަންދަށް ބަދަލުކުރި ކުއްޖާ އަކީ އަސީލުގެ މަރުގެ މައްސަލާގައި އެންމެ ފަހުން ހައްޔަރު ކުރި ކުއްޖާ އެވެ. އަދި އޭނާ ހައްޔރުކޮށްފައި ވަނީ މާފަންނު ގެއެއްގައި ފިލައިގެން އުޅެނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.