މާލެ ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި އެ ކައުންސިލުންދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

އިސްލާހު އެގޮތަށް ފާސްކުރީ 38 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުން ނެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ސަރަހައްދުގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.

އިސްލާހު މަޖިލީހަށް ހުށަހެޅުއްވަމުން މެމްބަރު ވަހީދު ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާއިރު މާލެ ސިޓީ ކައުންސިލަށް ލިބިދީފައިވާ ބައެއް ބާރުތައް ހައުސިން މިނިސްޓުރީގެ ދަށަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން މާލޭގެ މަގުތައް ބެލެހެއްޓުމާއި މާލޭ ސިޓީ ކައުންސިލްގެ ޔޫޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.