ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި ދެ މީހަކު މަރާލާފައިވާއިރު އެ މައްސަލަތަކުގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ލ. ގަމު ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ބިދޭސީއަކު ވަނީ ފެނިފަ އެވެ. އަދި އައްޑޫ ސިޓީ، ހިތަދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްވި އެ ރަށު، އެތީނާގެ، ހުސައިން ޝިޔާރު، 19، ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ.

މަރުގެ އެ ދެ މައްސަލައާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެ މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 7:10 ގައި މަރުވެފައި އޮއްވައި ފެނުނު ބަނގުލަދޭޝްގެ މީހާގެ ބޮލުން ބޮޑު ޒަހަމްތަކެއް ވަނީ ފެނިފަ އެވެ. އެ ބިދޭސީ މީހާއަކީ މާލޭ މީހަކު އެ ރަށުގައި ހަދާފައި ހުންނަ ގެއެއް ބަލަހައްޓަން ހުންނަ މީހެކެވެ. އޭނާ އެގޭގައި އުޅެނީ އެކަންޏެވެ.

އައްޑޫގައި ހިނގި މާރާމާރީގައި ހުސައިން ޝިޔާރަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުންނެވެ. އޭނާއަށް އެ ހަމަލާ ދިނީ ގޭގައި ހުއްޓަ އެވެ. އެ މާރާމާރީގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ޒަހަމްވި އެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ.

ހުސައިން ޝިޔާރުގެ މަރާއެކު، މިއަހަރު ރާއްޖޭގައި މަރާލި މީހުގެ އަދަދު ހަތަކަށް އެރީ އެވެ. މިއަހަރުގެ އެންމެ ފުރަތަމަ މަރަކީ ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ދެ އަހަރުގެ ކުޑަކުއްޖާ މުހައްމަދު އިބްތިހާލެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ ޖެނުއަރީ 28، އެވެ. އަހަރުގެ ދެ ވަނަ މަރަކީ ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރެވެ. ގްރޫޕަކުން ހަމަލާދީ ޖައިލަމް މަރާލީ މިއަހަރުގެ ފެބްރުއަރީ 21 ގަ އެވެ. އަހަރުގެ ތިން ވަނަ މަރަކީ މުއްޑޫގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލުމުން މަރުވި އެ ރަށު ނޫވިލު، އަލީ ޒިޔަދަމް އެވެ. ރާ ފުޅިއެއްގެ މައްސަލާގައި އޭނާ މަރާލި މިއަހަރުގެ މާޗް 21 އެވެ. ޖެހިގެން އައި ދުވަހު ހާބަރު ހާބަރު ކެފޭއެއްގައި މަރާލި ބަންގްލަދޭޝް މީހާ ޝާހިން މިޔާ އެވެ. މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ހަމަލާދީ ޝާހިން މިޔާ މަރާލީ މިއަހަރުގެ މާޗް 22 ގަ އެވެ. މިއަހަރުގެ ފަސް ވަނަ މަރަކީ އައިޖީއެމްއެޗް ކައިރީގައި ވަޅި ހަރައި މަރާލި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅެވެ. އޭނާ މަރާލީ މާޗް 29 ގަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ލ. ގަމުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ބިދޭސީއަކު ވަނީ ފެނިފަ އެވެ.