ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، ގ. އުފާ އަޙްމަދު މުޙައްމަދު (އަންޑޭ)އާއި ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން މ. މާހުރަ، އަހްމަދު ސަލީމު (ނަންރީތި ސަލީމް) ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އަހުމަދު މުހައްމަދުގެ ނަންފުޅު މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓާއި އެކު އެވެ.

އަހުމަދު ސަލީމްގެ ނަންފުޅު ފާސްވީ 54 މެމްބަރުންގެ ވޯޓުން ނެވެ.

ދެބޭފުޅުންގެ ނަން ދިރާސާ ކުރެއްވި ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ބޭފުޅުންނަކީ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ދެ ބޭފުޅުން ކަމަށެވެ.

އެ ދެބޭފުޅުންގެ ތެރެއިން ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، އައްޔަނު ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ އަހުމަދު މުހައްމަދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި ބޭފުޅާއެވެ. އަދި ރައީސް ވަހީދު ސަރުކާރުގެ އިކޮނޮމިކު މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު މުހައްމަދު ވަނީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ވެސް ކުރައްވައިފައެވެ.

ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައިވާ އަހްމަދު ސަލީމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ސާކުގެސެކެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައެވެ.