17 Jun 2015, 13:34
ޑިމޮކްރަސީގެ އުސޫލުތައް އެންމެން ވެސް ދަމަހައްޓަން ޖެހޭނެ ކަމަށާއި ކެނެޑާއިން ގެންގުޅެނީ މުނާފިގު އުސޫލެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މައްސަލަ ކޮމަންވެލްތު މިނިސްޓީރިއަލް ގްރޫޕް ( ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ކެނެޑާއިން ގޮވައިލުމުން އެކަމަށް ފާޑު ވިދާޅުވެ، ދުންޔާ ވިދާޅުވީ ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ އެހެން ގައުމަކަށް ފާޑުކިއުމުގެ ކުރިން ކެނެޑާގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ހިންގާފައިވާ ސަގާފީ ގަތުލު އާއްމުގެ މައްސަލައަށް އެޑްރެސް ކުރަން ޖެހޭނެ ކަމަށެވެ.
"...ހުރިހާ ގައުމަކުން ވެސް ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓަން ޖެހޭނެ. ކެނެޑާ އަކީ އެގަވައިދުން އިސްތިސްނާވާ ގައުމެއް ނޫން. ވަކި ގައުމުތަކެއް އެ އުސޫލަށް ފައްތަން އުޅުމަކީ މުނާފިގު އުސޫލެއް. ހާއްސަކޮށް އަމިއްލަ ގައުމުގެ މީހުންނާ ދެކޮޅަށް ކެނެޑާ ސަރުކާރުން ސަގާފީ ގަތުލު އާއްމެއް ހިންގާފައިވާ ކަމަށް އެގައުމުގެ އަމިއްލަ ޓްރަތު އެންޑް ރިކޮންސިލޭޝަން ކޮމިޝަނުން ބުނެފައިވާ ވާއިރު،" ދުންޔާ ވިދާޅުވެފައި ވެއެވެ.
އެކަމަނާ އިތުރަށް ވިދާޅުވެފައި ވަނީ ބައިނަލް އަގުވާމީ މުޖުތަމައުގެ މެމްބަރުންނާ ގުޅިގެން ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމަކީ ރާއްޖޭން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ޒިންމާދާރުކުރުވުމުގެ އުސޫލުތަކަކީ ހުރިހާ ގައުމަކަށް ވެސް ލާޒިވު އުސޫލުތަކެއް ކަން ރާއްޖޭން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުންތަކުގެ އަގު ރާއްޖޭން ވަޒަން ކުރާ ކަމަށާއި އެފަދަ ގުޅުން ތަކަކީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރުމާއި ބިނާކުރަނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމުގެ އުސޫލުން އޮންނަ ގުޅުންތަކަކަށް ހަދަން ރާއްޖޭން ބޭނުންވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައި ވެއެވެ.
"... ރަނގަޅު ނިޔަތެއް އޮތްކަން ދެއްކުމަށާއި ސަރުކާރާއި އެކު ރަނގަޅަށް މުއާމަލާތް ކުރުމަށް ކެނެޑާއަށް އަޅުގަނޑުމެން ހިތްވަރު ދެން،" ދުންޔާ ވިދާޅުވެފައި ވެއެވެ.