02 Mar 2011, 17:49
އެމްޑީޕީން ވަކިވެވަޑައިގަންފާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ގައްދޫ ދާއިރާގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) މިއަދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ޖަލްސާއެއްގައި ޒާހިރު އާދަމް އެމްޑީޕީން ވަކިވެވަޑައިގަންނެވި ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ކަމަށް ރަށުތެރޭގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޒާހިރު މިއަދު ވިދާޅުވީ "އެމްޑީޕީން ވައްކެއްނުވަން އަދި އަޅުގަނޑު ބުނީ ވަކި ވާނިއްޔޭ" ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށާއި އެމްޑީޕީން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ ވެސް އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ.
"އެހެން ނެތް އެ ސަބަބުތައް ކިޔައިދެވޭކަށް،" ޒާހިރު ވިދާޅުވި އެވެ.
އިސްތިއުފާދެއްވަން މިހާރު ވަނީ ނިންމަވާފައިތޯ ދެންނެވުމުން ޒާހިރު ވިދާޅުވީ އިންޓާނަލް [އެތެރޭގެ] މައްސަލަތަކެއް ހުރުމުން އެކަންތައްތަކަށް ބަލާފައި އިސްތިއުފާދެއްވުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
"އާނ އަދި ނޭނގޭ. އޭގައި އެބައުޅޭ އަނެއްހެން އިންޓާނަލް މައްސަލަތަކެއް. އެކަންތައްތަކަށް ބަލާފައި[ ނިންމާނީ]. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް ޒާހިރު ވިދާޅެއް ނުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބަހެއް ހޯދުމަށް ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސާ މަނިކުގެ ފޯނާ ގުޅި އިރު ފޯނު ނިއްވާލާފައި އޮތުމުން އެމްޑީޕީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.