ވެސްޓު ޕާކް ރެސްޓޯރެންޓް ހިންގާ ބިން ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް، ކުއްޔަށްދިނީ އެއްބަސްވުމާ ޚިލާފަށް ނޫން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ޔޮޓު ޓުއާސް އިން އިސްތިއުނާފުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓު ޓުއާސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު ވަނީ ބާއްވާފައެވެ.

ވެސްޓު ޕާކް ރެސްޓޯރަންޓު ޔޮޓު ޓުއާސްއަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮވެ، އެކަން ކޮށްފައިނުވާތީ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައި ވަނީ އެކުންފުންޏާ ދެކޮޅަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މާލޭ ސިޓީ ކައުންސިލުން އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާ ކަމަށެވެ.