މާފަންނުގައި ހުންނަ ކުރީގެ ނަލަހިޔާ ހޮޓަލް ސަރަހައްދުގެ ޓްރެފިކް އުސޫލްތަކަށް ބޮޑު ބަދަލުތަކެއް ގެނެސްފި އެވެ.

ފުލުހުން މިއަދު ބުނީ ނަލަހިޔާ ބުރު ހިމެނޭ ސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވެ އެއްގަމު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާތީ މާލޭގެ މަގުތައް ބަލަހައްޓާ ހައުސިން މިނިސްޓްރީގެ ޓްރެފިކް ކޮމިޓީގެ މަޝްވަރާގެ މަތިން އެ ސަރަހައްދުގައި އުޅަނދުތައް ދަތުރު ކުރެވޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެސަރަހައްދުގެ ޓުރެފިކް އުސޫލްތަކަށް ގެނެސްފައިވާ ބަދަލުތައް.

  • މަޖީދީމަގުން އިރުން ހުޅަނގަށް ދަތުރު ކުރާ އުޅަނދުތައް އޯކިޑްމަގަށް ދެވޭނީ ފަނޑިޔާރު މަގުން.

  • އަސުރުމާ ގޯޅި ވަނީ ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާކޮށް ދެފުރޮޅުލީ އުޅަނދުތަކަށް ދެ ކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައި.
  • ރުވާމަގު ވަނީ މަޖީދީމަގުން ވަދެވޭ ގޮތަށް ބަދަލުކޮށްފައި.
  • މިރިޔާސްމަގު ވަނީ އަސަރީހިނގުމާ ހަމައަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ މަގެއް ގޮތުގައި ހަމަޖައްސާފައި.
  • އަސަރީހިނގުން ވަނީ ހުޅަނގުން އިރަށް ދުއްވޭ މަގެއް ގޮތުގައި ހަމަޖައްސައި ޖަމްބުމަގަށް ވަދެވޭ ގޮތަށް ބަދަލު ގެނެސްފައި.
  • މަޖީދީމަގުން އިރުން ހުޅަނގަށް އަންނަ އުޅަނދުތައް ނަލަހިޔާ ކައިރިން ފަރީދީމަގަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައި.

ފުލުހުން ބުނީ މިއަދުން ފެށިގެން އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް އެ ބަދަލުތަކަށް ސަމާލުވެގެން ދަތުރު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ދަނީ މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެގޮތަށް މަގުތަކަށް ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެގޮތުން ބައެއް ހަނިގޯޅިތައް ވަނީ ދުއްވާއެއްޗެހި ނުވަދެވޭގޮތަށް ބަންދުކުރަން ފަށާފައެވެ.