17 Jun 2015, 13:38
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ހޮންކޮންއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗްގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ދެ ކުޅުންތެރިން ކަމުގައިވާ ގައުމީ ޓީމްގެ އެއް ނަންބަރު ގޯލް ކީޕަރު ޢިމްރާން މުޙައްމަދު ގާތްގަނޑަކަށް ހަ ހަފުތާއަށް ކުޅުމާ ދުރަށްދާން ޖެހުނު އިރު ފޯވަޑް އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ތިން ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަމަށް ގައުމީ ޓީމްގެ ފިޒީޝަން އަޙްމަދު ޝަކީބާ ހަވަލާދީ އެފްއޭމްއިން ބުނެފިއެވެ.
އެފްއޭމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާން ގެ ކަކުލު ހުޅާ ގުޅިފައިވާ ޖޮއިންޓަށް އަނިޔަވެފައިވާތީ އެކަމާ ގުޅިގެން އެމްއާރްއައި ސްކޭންއެއް ހަދަންޖެހޭކަމެށެވެ.
އަސައްކޮއަށް އިންޖަރީ ވެފައިވަނީ ފަލަމަސް ގަނޑަށެވެ.
އަސައްކޮށްއަށް ފުރަތަމަ ހާފުގައި އިންޖަރީވެގެން ބޭލިއިރު އިމްރާނަށް އަނިޔަވީ ދެވަނަ ހަފުގައި ހޮންކޮން ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަތް އިރު އެބޯޅަ ދިފާއު ކުރުމަށް އިމްރާން އެެރިވަގުތު ހޮންކޮން ކުޅުންތެރިޔާގެ ފަޔާއި އިމްރާންގެ ކަކުލާ މުޑި އެރުމުންނެވެ.
ޢިމްރާނާއި އަސައްކޮއަކީވެސް މާޒިޔަގެ އެންމެ މުހިންމު ދެކުޅުންތެރިންނެވެ.
އެހެންކަމުން އަލުން ލީގް ފަށާއިރު މިދެކުޅުންތެރިންނަކަށް ނުކުޅެވޭނެއެވެ.