މިނިސްޓްރީ އޮސް ފިޝަރީޒް އެންޑް އެގްރިކަލްޗަގެ މުވައްޒަފަކު ސަލާމުގައި ހުރި ދުވަހުގެ ސާވިސް އެލަވަންސް ކެނޑި 66 ރުފިޔާ ދިނުމަށް ސިވިލް ސާވިސްގެ މައްޗަށް އަމުރުކޮށްފި އެވެ.

ވަޒީފާ އާއި ބެހޭ ޓްރިބިއުނަލުން ސިވިލް ސާވިސްގެ މައްޗަށް އެގޮތަށް އަމުރުކޮށްފައި ވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަގައި ސީނިއާ ޕްރިޖެކްޓް އޮފިސަރެއްގެ މަގާމު އަދާކުރަމުންދާ ނަސީފު މުހައްމަދު އޭނާ ސަލާމުގައި ހުރި ދުވަހެއްގެ ސާވިސް ޗާޖް ކެނޑި މައްސަލަ ޓްރިބިއުނަލަށް ހުށަހެޅުމުންނެވެ.

މަސްލާގައި ނަސީފުގެ ފަރާތުން ވަކާލާތު ކުރެއްވި އިބްރާހިމް ޝަމީލު ވިދާޅުވީ ނަސީފު އޮފީހަށް ސަލާމް ބުނި ދުވަހަކު އޭނާގެ ސާވިސް ޗާޖުން ކަނޑާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި، އެ ފައިސާ އުނިކުރުމަކީ ސިވިލް ސާވިސްގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯދައި ދިނުމަށް ނަސީފުގެ ފަރާތުން ވަނީ ޓްރިބިއުނަލުގައި އެދިފަ އެވެ.

އެ މައްސަލަ ބެއްލެވުމަށްފަހު ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އަމުރުކޮށްފައި ވަނީ އެ ފައިސާ އަބުރާ ދިނުމަށެވެ. އަދި އެއީ ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ޓްރިބިއުނަލުން ވަނީ އަންގާފަ އެވެ.

ސަލާމުގައި ހުއްނަ ދުވަސް ދުވަހު ސާވިސް އެލަވަންސުން ކެނޑުމަކީ ވަޒީފާއާއި ބެހޭ ގާނޫނުގެ 54 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފައި ވަނީ މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުންނެވެ.

މިއަދުން ފެށީގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް ވެސް ސިވިލް ސާވިސްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.