ކަތީބުންނާއި އަތޮޅުވެރިން އައްޔަންކޮށްގެން ރަށްތައް ހިންގި ނިޒާމަކީ ރާއްޖެއަށް އެންމެ ފިޓު ނިޒާމު ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުން ރިޔާޒު މިއަދު ވިދާޅުވީ ކަތީބުންނާއި އަތޮޅުވެރިން ލައިގެން ހިނގަމުން އައި ނިޒާމު ނޫން އިތުރު ނިޒާމެއް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ. އަދި ވިދާޅުވީ ކިތަންމެ މޮޅު ގާނޫނެއް ބައްޓަން ކުރި ކަމުގައި ވިޔަސް އެ ނޫން ނިޒާމެއް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ.

"މިކަން ނުކުރެވެނީ ޕާޓީތަކަށް ނިސްބަތްވާ މީހުން ލީމަ އެއިރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅު ކައުންސިލަރުން ތިބެއްޖެ ކަމަށްވާނަމަ އަބަދުވެސް އުޅޭނީ ސަރުކާރަށް ދަތިކޮށް އުނދަގޫ ކުރަމުން. މިއީ މާޒީގައި ކަންތައްތައް ހިނގާފައި އޮތް ގޮތް، އެހެންވީމަ އެ ހުރިހާ ކަމެއްގެ މައްޗަށް ބަލާލީމަ މި ގާނޫނުން ދެ ފޮޅުވަތް ބައިންދާފައި އެހެން ހުރިހާ މާއްދާތަކެއް އުނިކޮށްފައި ލާމަރުކަޒީ ގާނޫނެއް ނަމުގައި ބާއްވައިގެން ނޫނިއްޔާ ލާމަރުކަޒީ ގާނޫނެއް ނުހިނގޭނެ،" ވިލުފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ތަޖުރިބާ ދިވެހި ރައްޔިތުން ކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވުމުން، އެ ބޭފުޅުންނަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ ތަފާތު އެކި ނަންނަމުގައި ޕްރޮވިންސުތައް ހަދައިގެން އެމްޑީޕީގެ ވެރިކަމުގައި މީހުންނަށް ވަޒީފާ ދިން ދުވަސް މިއަދު ހަނދާން ކުރަންޖެހޭ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރަކު އިސްތިއުފާ ދިންކަމުގައި ވިއަސް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ކައުންސިލުގައި މެމްބަރުން ތިއްބެވިނަމަ މަގާމުން ވަކިވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރަން އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރެއް ނުވަތަ ކައުންސިލެއްގެ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ އެކަންކަމުގެ ސަބަބު ދެނެ ގަތުމަށްޓަކައި "އިންކުއަރީ"އެއް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރަކަށް އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އެ "އިންކުއަރީ"އެއް ހަދާނީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން އައްޔަންކުރާ ބައެއް ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.