17 Jun 2015, 17:09
އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.
އެގޮތުން ހާރުދަން ޕްރޮމޯޝަން ނަމުގައި ފަށަފައިވާ ޕްރޮމޯޝަނަކާއި ސުޕާ ފްރައިޑޭ ބޯނަސް އޮފާ އާއި އުރީދޫ ޑޭޓާ ޑިވައިސްތަކާއެކު ހިލޭ ޑޭޓާ އަދި އައިޑީޑީ ކޯލް ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހު މުޅިން ހިލޭ ލިބޭ ހިދުމަތްތަކެއް ހިމެނެ އެވެ.
އުރީދޫ ހާރުދަން ޕްރޮމޯޝަންގެ ދަށުން ފަސް ރުފިޔާ ހަރަދުކޮށްގެން ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް ކަސްޓަމަރުންނަށް ހިލޭ ކޯލް އަދި ޑޭޓާ ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޮންމެ ރެއަކު ވެސް މެންދަމު 3:00ގެ ފަހުން "ގޯ" ޖެހުމަށްފަހު 5252 އަށް މެސެޖު ކުރުމުނ،ް މެސެޖު ކުރާ ވަގުތުން ފެށިގެން ހެނދުނު 8:00 ގެ ނިޔަލަށް އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅައި، 100 އެމްބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.
އޭގެ އިތުރުން ސުޕާ ފްރައިޑޭ ބޯނަސް އޮފާއާއެކު ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމަށް އިތުރަށް ފަސޭހަ ކަމެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ވެސް ރީޗާޖު ނުވަތަ ރާސްޓަސް ކުރުމުން އެ އަދަދު 25 އިންސައްތަ އާއި ހަމައަށް ބޯނަސް ކްރެޑިޓް ލިބެ އެވެ.
ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ބައްލަވައިގަންނަވާ ޑޭޓާ ޑޮންގްލް އަދި ވައިފައި ޑިވައިސްއާއެކު، އޭގެ އަގުގެ 40 އިންސައްތައަށްވުރެ އަގުހުރި ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ. އަދި ރަމަޟާންމަހު އެންމެ ހެޔޮ އަގުގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ގަތަރު، ކުވޭތު މިސްރު އަދި ބަހްރޭންއަށް 2.95 ގެ ރޭޓުން ގުޅޭއިރު އެ ނަންބަރުގެ ކުރިއަށް 011 ޖަހަން ޖެހެއެވެ.
ރޯދައަށް މުޅިން ހިލޭ ހިދުމަތްތަކުގެ ތެރޭގައި އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯދުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. އެގޮތުން މެސެޖެއްގައި "ގޯ" ޖެހުމަށްފަހު 4777 އަށް މެސެޖު ކުރުމުން ނަމާދު ވަގުތުތަކުގެ ތަފްސީލް ލިބޭނެ އެވެ. އަދި ރީތި ޓިއުން ހިދުމަތް މެދުވެރިކޮށް ކީރިތު ގުރުއާނުގެ ތަރުޖަމާ އަދި މަދަހަ ހޯދޭއިރު، މެސެޖެއްގައި BuyTune ID ޖަހާފައި 4000 އަށް މެސެޖު ކުރުމުން ރީތިޓިއުން ހިދުމަތް ލިބޭނެ އެވެ.
އޭގެ އިތުރުން އެސްއެމްއެސް މެދިވެރިކޮށް ދީނީ ނަސޭހަތް ހޯދުމަށް GOR ޖެހުމަށްފަހު 4546 ފޮނުވުމުން ދީނީ ނަސޭހަތް ލިބޭއިރު، މެސެޖެއްގައި GOC ޖެހުމަށްފަހު 4546 އަށް ފޮނުވުމުން ކެއްކުމާބެހޭ މައުލޫމާތު ލިބޭނެ އެވެ.
އެ ހިދުމަތްތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އެވެ. ފިތުރު ޒަކާތް ދެއްކުމަށް *909# އަށް ގުޅުމުން އެއްވެސް އަގަކާނުލައި އެ ހިދުމަތް ލިބޭނެ އެވެ.