ދިރާގުން އާންމުކޮށް ބްރޯޑް ބޭންޑް ކަނެކްޝަން ވިއްކާ އަގަށް ވުރެ އަގުހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދިރާގުން ބުނީ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ބްރޯޑް ބޭންޑް އޭޑީއެސްއެލް ކަނެކްޝަން އާންމު ގޮތެއްގައި ވިއްކާ އަގަށް ވުރެ 50 ޕަސެންޓް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި އެގޮތުން ބްރޯޑް ބޭންޑް އޭޑީއެސްއެލް ކަނެކްޝަން 250 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ޕްރޮމޯޝަންގައި ބްރޯޑް ބޭންޑް، އޭޑީ އެސްއެލް ބޭނުންކުރާ ފަރާތްތަކުން ބޭނުން ކޮންމެ ތަނަކަށް ކަނެކްޝަން ބަދަލު ކުރުމުގެ ޚިދުމަތް އެ ޕްރޮމޯޝަންގައި މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް ބްރޯޑް ބޭންޑް އިންޓަނެޓްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަ ތަފާތު ޕްރޮމޯޝަންތަކެއް ބާއްވަމުންނެވެ. އަދި އެފަދަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ މާކެޓިންގް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ "މި ޕްރޮމޯޝަނަކީ ކުރީ ފަހަރުގައި ވެސް ބްރޯޑް ބޭންޑް ޕްރޮމޯޝަންތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަކަށް ބަލައި ފެށުނު ޕްރޮމޯޝަނެއް" ކަމަށާއި "އެހެންފަހަރުތަކެކޭ އެއްފަދައިން މި ޕްރޮމޯޝަންގެ ސަބަބުން ވެސް ރާއްޖޭގެ އިންޓަނެޓް ބޭނުންކުރާ ނިސްބަތް އިތުރުވުމަށް މަގުފަހި ވެގެންދާނެ" ކަމަށެވެ.