17 Jun 2015, 13:06
ބައި ގަރުނަށްވުރެ ގިނަ އަހަރު ތުރުކީގެ ސިޔާސީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ އެ ގައުމުގެ ކުރީގެ ރައީސް ސުލޭމާން ދެމީރެލް އަވަހާރަވެއްޖެ އެވެ.
ސުލޭމާން އަވަހާރަވީ ތުރުކީގެ ވެރިރަށް އަންކަރާގެ ހޮސްޕިޓަލުގައި ރޭ ދަންވަރު 02:05 ގަ އެވެ. އެމަނިކުފާނު އަވަހާރަވީ ހާޓް ފެއިލިއާއަކާއި ފުއްޕާމޭގެ އިންފެކްޝަނަކާ ގުޅިގެން ކަމަށެވެ. އަވަހާރަވީ އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 90 އަހަރެވެ.
ސުލައިމާންއަކީ ތުރުކީގެ ޕްރައިމް މިނިސްޓަރުކަން 1960 އާއި 1970 ހިސާބުގައި ދެ ފަރަށް ކުރައްވާފައިވާ ބޭފުޅެކެވެ.
ތުރުކީގެ ރައީސް ކަމުގައި ދެމީރެލް ހުންނަވާފައި ވަނީ 1993 އިން 2000 ގެ ނިޔަލަށެވެ.
ތުރުކީގެ ސިޔާސަތާއި އިގްތިޞާދުގެ ތަރައްގީވެ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމުގެ ފަހަތުގައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރައްވާފައި ވަނީ ދެމީރެލް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.
ނަމަވެސް އެއްބަޔަކު ދެކޭ ގޮތުގައި ޒަމާނާ އެއްގޮތަށް ތުރުކީ ތަރައްގީ ކުރުމުގެ ފަހަތުގައި އެ މަނިކުފާނު ގެންގުޅުއްވާފައި ވަނީ ކޮރަޕްޝަނާއި މަކަރުގެ އަމަލުތަކެއް ކަމަށެވެ.
އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަޒްމީޔެ ދެމީރެލް ދެކަނބަލުންނަށް އެއްވެސް ދަރިކަލަކު ލިބިވަޑައިގެންފައި ނުވާއިރު އެކަމަނާ ވަނީ 2013 ވަނަ އަހަރު އަވަހާރަވެފަ އެވެ.