އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް މެދު ރާއްޖެތެރެ އާއި އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ކަމަށް ވެސް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ރޯދަ މަސް ފެށިގެންދާއިރު އެހާ ވިއްސާރައެއް ނޫން. ނަމަވެސް އާދިއްތަ ހިސާބުގައި ވިއްސާރަ ކަމަށް އެބަދައްކާ. އެ ހިސާބުގައި ކޮންމެ ވެސް ވަރަކަށް ވާރޭ ވެހޭނެ،" މެޓު އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފްތާގައި ވެސް އާންމު ގޮތެއްގައި މުޅި ރާއްޖެއަށް ހޫނުމިން ހުންނާނީ އާންމު މިންވަރެއް ކަމަށްވާ 32 ޑިގްރީ ސެލްސިއަސްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިފަހަރު ރޯދަ ދިމާވާ ޖޫން، ޖުލައި މަސްތަކަކީ އާންމު ގޮތެއްގައި ރާއްޖެ އަށް ވިއްސާރަ ކުރާ ދުވަސްތަކެކެވެ.