ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ބަންދުން މިނިވަންކުރުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް އިދިކޮޅު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސަރުކާރުގައި އެދިއްޖެ އެވެ.

ޖޭޕީން އެ ގޮތައް އެދިފައި ވަނީ ސަރުކާރާއެކު ޖޭޕީން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ސަރުކާރާއި ޖޭޕީގެ މަޝްވަރާތަކާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު "ސަން"އަށް މިއަދު ވިދާޅުވީ އިއްޔެ ބޭއްވި މަޝްވަރާތަކުގައި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތަފްސީލް ދެއްވާފައިވާނެ ކަމަށެވެ.

ޖޭޕީން ތަފްސީލް ދެއްވި ކަންތައްތަކުގެ ތެރޭގައި ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް މަޝްވަރާތަކެއް ފެށުމަށާއި ބައިނަލްއަގުވާމީ ފަރާތްތަތައް ގަބޫލް ކުރާ ފެންވަރެއްގައި މިނިވަން ޝަރުވީ ދާއިރާއެއް ބޭއްވުމަށެވެ.

ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރިއަށް ލިބެމުންދާ ގެއްލުންތައް ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ސަރުކާރުން ވިދާޅުވީ އެކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައި ދެން އޮންނަ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން އެކަންކަމުގައި ނިންމަވާ ކަންކަން ވިދާޅުވާނެ ކަމަށް،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫގެ ނައިބު ލީޑަރު ވިދާޅުވި އެވެ.

ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ޖޭޕީން ސަރުކާރުގައި އެދިފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގެންނަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޖޭޕީއާއެކު ސަރުކާރުން ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްފަހު، މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ސަން ފައިލް ފޮޓޯ

ސަރުކާރުން ވެސް ވަނީ އިދކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ތިން ކަމެއް ފާހަގަކޮށްފަ އެވެ.

  • ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި ދީ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން

  • ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް
  • އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރާ ސަބަބަކީ ގައުމު ބިނާކުރުމަށްޓަކާ އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމް ކުރުމަށް

އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީއާއެކު މަޝްވަރާތައް ނުފެށިފައި ވަނީ ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ވާތީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް އެ ފަރާތްތަކުން ދެ ވަނަ ވިސްނުންފުޅަކަށް ވަޑައިގެންފި ނަމަ އެ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ފަސޭހަވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ސަރުކާރާއެކު އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރައްވަން ކަނޑައެޅުއްވި ޓީމުގައި މިހާރު ހުކުމް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ ސަރުކާރުން ވަނީ ނަޝީދާއި އެކު މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަދާލަތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތުގެ ބޭނުމަށް ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރިކުރުމެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ޝަރުތު ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.