މޮސްކޯ (ޖޫން 17): ރަޝިޔާގެ ސްޓްރެޓީޖިކް އަދި ނިއުކްލިއަ ބާރުތައް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި ނިއުކްލިއަ ވޯހެޑް ހިމެނޭ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްގެ އިތުރު 40 މިސައިލް ރަޝިޔާ ސިފައިންގެ ޚިދްމަތަށް ނެރުމަށް ރައީސް ވްލަޑިމޭރު ޕޫޓިން ނިންމަވައިފި އެވެ.

ރަޝިޔާ ސިފައިންގެ "ދެހާސް ފަނަރަ ވަނަ އަހަރުގެ ފޯރަމް" އިފްތިތާޙް ކުރުމުގެ ގޮތުން މޮސްކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕޫޓިންވަނީ ނިއުކްލިއަ ހަތިޔާރު ހަރުކުރެވޭގޮތަށް ރަޝިޔާއިން އުފައްދާފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ދުރުރާސްތާގެ 40 މިސައިލް ރަޝިޔާ ސިފައިންގެ ނިއުކްލިއަ ސްޓޮކަށް މިއަހަރު ތެރޭގައި އިތުރުކުރުމަށް ނިންމެވި ކަން އިޢްލާން ކުރައްވާފައެވެ. މި 40 މިސައިލްގެ ތެރެއިން ކޮންމެ މިސައިލަކީވެސް ނިއުކްލިއަ އެތަށް ހަތިޔާރެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ވޯހެޑްތައް ހަރުކޮށްފައިވާ އަދި އަޑަށްވުރެ ތިންގުނަ ބާރުމިނުގައި ބާރަހާސް ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ސްޓްރެޓީޖިކް މިސައިލްތަކެކެވެ.

މިއިން މިސައިލަކަށް ހުރަސްއެޅޭފަދަ ނިޒާމެއް ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި އީޖާދު ކުރެވިފައިނުވާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

މިފަދަ މިސައިލެއް ހުއްޓުވުމުގެ ގާބިލްކަން އެމެރިކާއަށްވެސް އަދި އެހެން ގައުމަކަށް ލިބިފައިވާނުވާއިރު ރަޝިޔާގެ މި ނިންމުމާމެދު އެމެރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިކަމާބެހޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ، ބާރުގަދަ ގައުމެއްގެ ރައީސަކު އެގައުމަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުތައް މިގޮތަށް ދެއްކުމަކީ އެހެން ގައުމުތައް ކަންބޮޑުވާނެ ކަމެއްކަމުގައެވެ. އަދި ބާރުގަދަ ގައުމެއްގެ ބާރުގަދަ ވެރިއަކު އެއްވެސް ކަންބޮޑުވުމަކާނުލައި މިގޮތަށް ބާރުވެރިކަން ދެއްކުމަކީ އެކަމުގެ ނަތީޖާ ރަނގަނޅު ނުވާނެކަމެއްކަމަށްވެސް ކެރީ ވިދާޅުވި އެވެ.

ރަޝިޔާގެ ސިފައިންގެ ޚިދްމަތަށް ސްޓްރެޓީޖިކް މިސައިލްގެ އިތުރު 40 މިސައިލް ނެރުމަށް ޕޫޓިން ނިންމެވީ ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ނޭޓޯއިން ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމަށާއި ރަޝިޔާގެ އަވަށްޓެރި ޕޮލެންޑް ފަދަ ގައުމުތަކުގައި ނޭޓޯއިން ބަރުހަތިޔާރު ރުކުރުވާލުމަށް ކުރިޔަށްގެންދާ މަޝްރޫޢަށް ރައްދު ދިނުމުގެ ގޮތުންކަމަށް ވަނީ ބެލެވިފައެވެ.

ރަޝިޔާއަކީ އެމެރިކާއަށްވުރެވެސް ނިއުކްލިއަ ހަތިޔާރު ގިނަ ގައުމެކެވެ. ރަޝިޔާގެ ސްޓްރެޓިޖިކް ފޯސްގައި ތިން ހާހަށްވުރެ ގިނަ ނިއުކްލިއަ ހަތިޔާރު ހިމެނޭކަމަށްވެއެވެ. (ނޫސްއެޖެންސީތައް)