17 Jun 2015, 09:36
މާދަމާ ފެށޭ މި އަހަރުގެ ރޯދަ މަހުގެ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިދުމަތް ދޭން ނިންމައިފި އެވެ.
މީރާއިން އާންމު މަސްތަކުގައި ހިދުމަތް ދެމުން ދަނީ ސަރުކާރު ރަސްމީ ފަސް ދުވަހު އެވެ.
މީރާގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ހޮނިހިރުފިޔަވާ ދެން އަންނަ ކޮންމެ ހަފްތާއެއްގެ ހުކުރު ފިޔަވައި ކޮންމެ ދުވަހަކު އެ އިދާރާއިން ރަސްމީކޮށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޓެކްސް އާއި ފީ ދެއްކެވުމަށް އަދި ރަޖިސްޓްރޭޝަންގެ ހިދުމަތްތައް ހުކުރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 14:30 އަށް ނަންބަރު ދޫކުރާނެ އެވެ.
މީރާގެ އިންފޮމޭޝަން ކައުންޓަރުން ނަންބަރު ދޫކުރަނީ ހެނދުނު 10:00 އިން 15:00 އަށެވެ.
މީރާގެ ހުރަވީ ކަލެކްޝަން ސެންޓަރުން 'ވިސާ' ޓޯކަން ނަންބަރު ދޫކުރާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށެވެ.
'ވިސާ އެކްސްޕްރެސް' ޓޯކަން ދޫކުރާނީ 10:00 އިން 14:00 އަށެވެ.
މީރާގެ އޮފީސް ހުޅުވިފައިވާ ކޮންމެ ދުވަހަކު އޮފީސް ހުޅުވާ ގަޑިން ފެށިގެން 15:00 އަށް ސިޓީ އާއި އެހެނިހެން ތަކެތި އިދާރީ ކައުންޓަރުން ބަލައިގަންނާނެ އެވެ.
މީރާއިން ރޯދަ މަހާއި ދިމާކޮށް މަސައްކަތް ކުރާ ދުވަސް އިތުރުކޮށްފައިވާއިރު އާންމުކޮށް ސަރުކާރާއި އަމިއްލަ އޮފީސްތަކުން ވެސް ރޯދަ މަހާއި ދިމާކޮށް މަަސައްކަތް ކުރާ ވަގުތު މަދުކުރެ އެވެ.