ކަރައަކީ ހަށިގަނޑަށް އާދަޔާ ޚިލާފު ފައިދާތައް ލިބިދޭ، މޭވާތަކުގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާއެކެވެ. އަދި މި މޭވާއަކީ އަޅުގަނޑުމެން ދިވެހީންގެ މެދުގައި އެހާމެ މަގުބޫލު މޭވާއެއްވެސްމެއެވެ. ހާއްސަކޮށް ރޯދަ މަހު ކަރާގެ ބާޒާރަށްވެސް އާދަޔާ ޚިލާފަށް ބާރުބޮޑުވެއެވެ. އެހެންކަމުން ކަރައިން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކަށް ބަލައިލަމާތޯއެވެ.

  • ކިޑްނީއާއި ބްލެޑާ އާއި ކުޑަކަމުދާ ނިޒާމުގެ އެހެން ގުނަވަންތައް ސާފުކޮށްދީ އެގުނަވަންތައް ބަލިތަކުން ސަލާމަތް ކޮށްދިނުން

  • ނުބައި ކޮލެސްޓްރޯލް ދަށްކޮށްދިނުން
    ލޭހޮޅިތައް ސާފުކޮށްދިނުން
  • މުސްކުޅިވުން ލަސްކޮށްދިނުން
  • ހަންގަނޑުގައި ރޫޖެހުން ކުޑަކޮށްދީ ހަންގަނޑު ރީތިކޮށްދިނުން
  • ލޭގެ ޕްރެޝަރު ދަށްކޮށްދިނުން
  • ހިތާއި ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ފުރްސަތު ކުޑަކޮށްދިނުން
  • ޑިހައިޑްރޭޓް ވުމުން ސަލާމަތް ކޮށްދިނުން
  • ހަޖަމުގެ ނިޒާމް ރަނގަނޅުކޮށްދިނުން
  • މައިދާ ސާފުކޮށްދިނުމާއި ބަނޑުހަރުވުމުން ސަލާމަތްކޮށްދިނުން
  • ޗިސްމޭގެ ސިއްޙަތު ސަލާމަތް ކޮށްދިނުން
  • މާބަނޑުމީހާގެ ބަނޑުގައިވާ ދަރިފުޅު އައިބުތަކުން ސަލާމަތްކޮށްދިނުން
  • ކެންސަރާ ދެކޮޅަށް މަސައްކަތްކުރުން

ކަރައާބެހޭގޮތުން ކޮށްފައިވާ ދިރާސާތައް ބުނާގޮތުން ކަރާގެ ބައިތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ އޭގެ އޮށުގައެވެ. ކަރާ އޮށުގައި ވިޓަމިން ބީ ގްރޫޕްގައި ހިމެނޭ ބާވަތްތައް ކަމަށްވާ އަލްޕްބޮފްލޭވިން، ނިޔަސިން، ތިޔަމިން، އަލްބަންޓޯޓިނިކް އެސިޑް އަދި ފޯލިކް އެސިޑް ގިނައަދަދަކަށް ހިމެނެ އެވެ. މިއީ ހިތާއި ހަޖަމުކުރުމުގެ ނިޒާމަށާއި ނާވަސް ސިސްޓަމަށާއި އިމިއުން ސިސްޓަމުގެ ސިއްހަތަށް ވަރަށް ފައިދާ ބޮޑު މާއްދާތަކެކެވެ. އަދި ކަރާގެ އޮށުގައި އެމީނޯ އެސިޑް ގިނައަދަދަކަށް އެކުލެވޭ ޕްރޮޓިން ވެސް ވަރަށް ގިނަކަމަށް ވެއެވެ.

އެމީނޯ އެސިޑް އެކުލެވޭ ޕްރޮޓިން އަކީ ހަށިގަނޑަށް ވަރަށް ފައިދާބޮޑު މާއްދާއެކެވެ. މީގެއިތުރުން ކަރާގެ އޮށުގައި އަންސެޗުރޭޓެޑް ފެޓީ އެސިޑްވެސް ގިނަ އަދަދަކަށް ހިމެނެއެވެ. އަންސެޗުރޭޓެޑް ފެޓީ އެސިޑަކީ ހިތާއި ނާރުތަކުގެ ބަލިން ސަލާމަތް ކޮށްދިނުމުގައާއި ހަންގަނޑު ރީތިކޮށްދިނުމާއި މުސްކުޅިވުން ލަސްކޮށްދިނުންފަދަ ކަންކަމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ބުނެއެވެ.

ކަރާގެ އޮށުގައި ހިމެނޭ، ސިއްޙަތަށް ފައިދާހުރި އެހެން މާއްދާތަކުގެ ތެރޭގައި ފޮސްފަރަސް، ޕޮޓޭޝިޔަމް، މެގްނެސިޔަމް، މެގްނީޒް، ކޮޕާ އަދި ޒިންކްވެސް ހިމެނެއެވެ. މީގެތެރެއިން ފޮސްފަރަސް އަކީ ކަށި ވަރުގަދަކޮށް ކަށީގެ ބަލިތަކުން ސަލާމަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ.

ޕޮޓޭޝިޔަމް އަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔަނުދީ ހިފަހައްޓާ މާއްދާއެކެވެ. މެގްނެސިޔަމް އަކީ ހިތުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. ކަރާގެ އޮށުގައި ގިނައިން މެގްނެސިޔަމް އެކުލެވޭތީ ކަރާގެ އޮށް ކެއުމުން ހިތާއި ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމަށްވެއެވެ. ކޮޕާ އަކީ އިސްތައްޓަށާއި ހަމުގެ ސިއްހަތަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން ކަރާ ކެއުމުގެ އިތުރުން ކަރާގެ އޮށްވެސް އުކާނުލައި ކެއުމަށް ޑައިޓިޝަނުން (ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން) ލަފާދެއްވައެވެ.

ކަރައަކީ ގިނައަދަދަކަށް ފެންވެސް އެކުލެވޭ މޭވައަކަށްވާތީ ކަރާ ކެއުމުން ހަޖަމުގެ ނިޒާމް ރަނގަނޅުވެ މައިދާ ސާފުވެ ބަނޑުހަރުވުުމުން ސަލާމަތްކޮށްދީ ޗިސްމޭގެ ސިއްޙަތު ސަލާމަތް ކޮށްދިނުމުގެ އިތުރުން ހަމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ކަރައާބެހޭ ދިރާސާތައް ބުނެއެވެ. ކަރާގައި ގިނަ އަދަދަކަށް ލިކޮޕީން ހިމެނޭއިރު އެއީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ވަރަށް މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމަށް ދިރާސަތައް ބުނެއެވެ.

މީގެއިތުރުން ކަރައަކީ "ވިޓަމިން ބީ 9" ވެސް ވަރަށް ބޮޑަށް އެކުލެވޭ މޭވާއަކަށްވާއިރު އެއި މާބަނޑުމީހުންގެ ބަނޑުގައިވާ ދަރިފުޅު އައިބުތަކުން ސަލާމަތްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. ކަރާގެ ތެރެއިން އެންމެ ފައިދާ ބޮޑީ ރަތްކަރާ ކަމަށްވެސް ޑައިޓިޝަނުން ބުނެއެވެ. (ފުޑް އެންޑް ނިއުޓްރިޝަން)