އައްޑޫ ސިޓީގެ ހިތަދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް އެ ސިޓީއަށް ފުރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމް އައްޑޫ ސިޓީއަށް ފުރާފައި ވަނީ މިރޭ ކަމަށެވެ.

މޫނުނިވާކޮށްގެން ތިބި ބަޔަކު ތޫނުއެއްޗަކުން ދިން ހަމަލާގެ ސަބަބުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދު ހެނދުނު މަރުވެފައި ވަނީ ހިތަދޫ، އެތީނާގެ، ހުސައިން ޝިޔާރު، 19، އެވެ.

ރޭގެ މާރާމާރީގައި އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ވަނީ ކަފައިގެން ގޮސްފައެވެ.

ހުސައިން ޝިޔާރުގެ މަރާއެކު، މިއަހަރު ރާއްޖޭގައި މަރާލި މީހުގެ އަދަދު ހަތަކަށް އެރީ އެވެ. މިއަހަރުގެ އެންމެ ފުރަތަމަ މަރަކީ ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ދެ އަހަރުގެ ކުޑަކުއްޖާ މުހައްމަދު އިބްތިހާލެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ ޖެނުއަރީ 28، އެވެ.

އަހަރުގެ ދެ ވަނަ މަރަކީ ހ. ހަންޑްރެޑްފްލާވާ، ޖައިލަމް އަހުމަދު ޝާކިރެވެ. ގްރޫޕަކުން ހަމަލާދީ ޖައިލަމް މަރާލީ މިއަހަރުގެ ފެބްރުއަރީ 21 ގަ އެވެ.

އަހަރުގެ ތިން ވަނަ މަރަކީ ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން މަރުވި އެ ރަށު ނޫވިލު، އަލީ ޒިޔަދަމް އެވެ. ބަނގުރާ ފުޅިއެއްގެ މައްސަލާގައި އޭނާ މަރާލި މިއަހަރުގެ މާޗް 21 އެވެ. ޖެހިގެން އައި ދުވަހުގެ ރޭ ހާބަރު ކެފޭއެއްގައި މަރާލީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާހިން މިޔާ އެވެ. އޭނާ ވެސް މަރާލީ މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ތޫނުއެއްޗަކުން ހަމަލާދީއެވެ.

މިއަހަރުގެ ފަސް ވަނަ މަރަކީ އައިޖީއެމްއެޗް ކައިރީގައި ވަޅި ހަރައި މަރާލި މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅެވެ. އޭނާ މަރާލީ މާޗް 28 ވަނަ ދުވަހުގެ ރޭ ގައެވެ. އަދި މިމަހުގެ 11 ވަނަ ދުވަހު ލ. ގަމުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ބިދޭސީއަކު ވަނީ ފެނިފަ އެވެ.