ކުރިއަށް އޮތް އެއް އަހަރު ދުވަހަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުމަށް 140 މިލިޔަން ޑޮލަރަށް (1.8 ބިލިއަން ރުފިޔާ) އަށް ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާ އިއްޔެ ހަވާކުލޮށްފި އެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރަމުން އަންނަ އިންޑިއާގެ ޖީއެމްއާރް ކުންފުނިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނަނީ އަންނަ އެޕްރީލް މަހުގެ އެކަކުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް 140 މިލިޔަން ޑޮލަރުގެ 1.1 މިލިޔަން ފީފާގެ ތެޔޮ އެސްޓީއޯ އިން އެއާޕޯޓަށް ސަޕްލައި ކުރާނެ ކަމަށެވެ.

އެ ބަޔާނުގައި ޖީއެމްއާރުން ބުނެފައި ވަނީ 100 ޕަސެންޓް ދިވެހި ކުންފުންނަކުން އިންޓަނޭޝަނަލް ކުންފުނިތަކާ ވާދަކޮށް އެ ބީލަން ކާމިޔާބުކުރުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުރާ މުއާމަލާތްތަކަށް ޖީއެމްއާރުން ފައިސާ ދައްކާނީ ޑޮލަރުން ކަމަށާއި އެއާ އެކު ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ލުޔެއްލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޖީއެމްއާރުން ބުންޏެވެ. އަދި ބުނީ މިއީ ރާއްޖޭގެ ތަރައްގީގައި ޖީއެމްއާރުން ހިއްސާވާކަން ދޭހަވާ ވަރުގަދަ ދަލީލެއް ކަމަށެވެ.

"މިއީ އަހަރުމެން ވަރަށް އުފާކުރާ ކަމެއް. ތެލަކީ އެއާޕޯޓުގެ އަސާސީ އެއްޗަކަށް ވާއިރު މި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަސްޓަމަރުންނަށް ދަތިނުވާނެ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅެއް،"
އެއާޕޯޓުގެ ސީއީއޯ އެންޑްރޫ ހެރިޝަން އެ ބަޔާން މެދުވެރިކުރައްވައި ވިދާޅުވެފައިވެ އެވެ.

އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ ވަން އަދި މެރިން ގޭސް އޮއިލް އެސްޓީއޯ އިން އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިދިޔަ އަހަރު އެސްޓީއޯ އިން ވަނީ އެއާޕޯޓަށް ތެޔޮ ސަޕްލައިކޮށް ދިނުމަށް ބިޑްކޮށްފަ އެވެ. ނަމަވެސް އެފަހަރުގެ ބީލަން ކާމިޔާބުކުރީ ދުބާއީގެ ކުންފުންޏަކުންނެވެ.