ރޯދަ މަހާ ގުޅޭ މައުލޫމާތުތައް ހިމެނޭ މަޝްހޫރު ވެބްސައިޓު، "ރޯދަ ޑޮޓް ކޮމް" ބޮޑެތި ބަދަލުތަކާއެކު އަލުން އިފްތިތާހުކޮށްފިއެވެ.

ރާއްޖޭގެ ރެސްޓޯރެންޓް އަދި ކެފޭ ތަކުގެ ރޯދަ މެނޫތައް ހިމަނައިގެން 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ރޯދަ މަހަކު އަޕްޑޭޓް ކުރާ އެ ވެބްސައިޓު މިއަހަރަށް އިފްތިތާހުކޮށްދެއްވީ، މަޖީދީމަގުގައި ހުންނަ ސްކައި ފޯ ރެސްޓޯރެންޓުގައި ބޭއްވި ހަފްލާއެއްގައި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

"ރޯދަ ޑޮޓް ކޮމް" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ވެބްސައިޓު އިފްތިތާހުކޮށްދެއްވުމަށްފަހު ރިޔާޒު ވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުން ކުރިއެރުންތަކެއް ހޯދަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ބޭނުންވާ މައުލޫމާތުތައް ފެނިގެންދާނެ ގޮތަށް ޒުވާނުން ތަރައްގީ ކުރާ ވެބްސައިޓު ތަކުން އެހެން މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި "ރޯދަ ޑޮޓް ކޮމް"ގެ މެއިން ސްޕޮންސާ، "ހަންޑްރެޑް ޕްލަސް" އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

"ރޯދަ ޑޮޓް ކޮމް"ގެ މެއިން ސްޕޮންސާ، "ހަންޑްރެޑް ޕްލަސް" އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ރޯދަ ޑޮޓް ކޮމް" ގެ މެނޭޖިން ޕާޓްނަރު އަލީ ޝިނާޒު ވިދާޅުވީ، މިއަހަރު ވެސް ވެބްސައިޓުން "އެންމެ އަގުހެޔޮ ނީލަން ކިޔުން" ހިމެނޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މޯބައިލް ފޯނުތަކާ ރައްޓެހި ގޮތަކަށް ތައްޔާރުކޮށްގެން މިއަހަރަށް އިފްތިތާހުކުރި ވެބްސައިޓުގައި ބާޒާރުގައި ތަކެތީގެ އަގުތައް ހުރި ގޮތާއި ވެބްސައިޓުގެ ފަރާތުން ކިޔުންތެރިންގެ ބައިވެރިވުމާއެކު މުޅިން އަމިއްލަ ކޮންސެޕްޓަކަށް "ވަޓްސް ކުކިންގް" ގެ ނަމުގައި ކައްކާ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށެވެ.

ކުރިން ނެރެމުން އަންނަ ރޯދަ ގައިޑަށް ރޯދަ މަހާ ގުޅޭ ލުއި މައުލޫމާތުތަކެއް ހިމަނައިގެން ނެރުމުގެ އިތުރުން މިއަހަރުގެ ވެބްސައިޓަކީ ސޯޝަލް މީޑިއާގެ ގިނަ ފަންކްޝަންތައް ފެންނާނެ ވެބްސައިޓަކަށް ވެގެންދާނެ ކަމަށް ޝިނާޒު ވިދާޅުވި އެވެ.